Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

ފުނަދޫ ރައްޔިތުން ބޭނުންވާގޮތަށް އެއާޕޯޓް ބޮޑުކޮށްދޭނަން

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ށ. ފުނަދޫގެ އެއާޕޯޓް ބޮޑުކޮށް ހިދުމަތް ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު މިހާރު އަންނަވަނީ ށ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ. އެގޮތުން ށ. ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މިއަދު ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފުނަދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ފުނަދޫގެ ހޮސްޕިޓަލުގެ މަސައްކަތަކީ އެންމެ ބޮޑު އިސްކަމެއް ދެއްވާނެ އެއް މަޝްރޫއުކަމަށް ވިދާޅުވިއެވެ. ފުނަދޫ ހޮސްޕިޓަލުގެ އިމާރާތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ފުނަދޫ އެއާޕޯޓް އެއާޕޯޓުގެ ޖާގަ އިތުރުކުރުމަށް، އެއާޕޯޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ފްލައިޓުތައް އިތުރުކުރުންފަދަ މަސައްކަތްތައް ކުރައްވާނެކަމަށެވެ. އަދި ފްލައިޓް ޖެއްސުމަށް ރަންވޭ ދިގުކުރައްވާ، ރައްޔިތުން ބޭނުންވާ ގޮތަށް އެއާޕޯޓް ބޮޑޫކޮށްދީ ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ފުނަދޫ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުން އަދި މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ.