ކަފާލާތުގެ ދަށުން މީހުން ބަންދުން ދޫކުރެވޭ ނިޒާމު ހަރުދަނާ ކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދުއެވެ.
ބިލު ހުށަހެޅި ސަބަބުގެ ގޮތުން ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މިހާރު ތަންފީޒުކުރަމުންދާ ކަފާލާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަަމަ ކުރުމަށްޓަކައި ތަފްސީލީ އުސޫލުތަކާއި ކަމާގުޅޭ އިޖުރާއަތުތައް ހިމެނުމަކަށްޓަކައި ޤާނޫނަށް އިސްލާހު ހުށަހަޅާކަމަށެވެ.
އެގޮތުން ޤާނޫނުގައި މިހާރު އެކުލެވޭ ކަފާލާތުގެ އާންމު އުސޫލުތަކާއި، ތަހުގީގު އަދި ޝަރީއަތުގެ މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކުރުމާގުޅޭ އުސޫލުތައް އިސްލާހު ކުރަން ހުށަހަޅާފައިވެއެވެ. އަދި މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމް ކުރުމަށްފަހު، ވަކި މަޖިލީހެއްގައި އަދަބު ކަނޑައަޅާ ހާލަތުގައި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދެވޭނެ ހާލަތްތަކާއި، އެކަމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ޤާނޫނުގައި ހިމެނުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައްވެސް ހިމަނާފައިވެއެވެ.
މީގެއިތުރުން ކުށް ސާބިތުވާކަމުގެ ހުުކުމެއް ކަނޑައެޅިފައިވާ މީހަކަށް އިސްތިއުނާފުގެ މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދެވޭނެ ހާލަތްތަކާއި، އެކަމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ހިމެނުމަށްވެސް އިސްލާހުގައި ހިމަނާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އެޖެންޑާކޮށްފައެވެ. އަދި ސަރުކާރުން ހުށަހަޅާފައިވާ އިތުރު 5 ބިލެއްގެ ފުރަތަމަ ކިޔުންވެސް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވެއެވެ.