Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

އިންތިހާބާ ގުޅޭ ކޮރަޕްޝަން ފާހަގަވާނަމަ ހުށަހަޅަން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ ކަމެއް ފާހަގަ ކުރެވޭނަމަ ހުށަހެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރިއަށްގެންދާއިރު، ސަމާލުކަންދޭންވީ ކަންކަން ފާހަގަކޮށްފައެވެ.

އެގޮތުން ވަކިގޮތަކަށް އިންތިހާބީ ހައްޤެއް ބޭނުންކުރީތީ އެއްވެސް އެއްޗެއް ހަދިޔާއެއްގެ ގޮތުން ނުވަތަ އެނޫން ގޮތަކަށްވިޔަސް ނުދިނުމަށް ނުވަތަ ދޭން ހުށަނޭޅުމަށް އަދި ދޭން ވައުދު ނުވުމަށް އެދިފައިވެއެވެ. އަދި ވަކިފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށް، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް، އެއްވެސް ފައިސާއެއް ނުވަތަ މަންފާއެއް ނުވަތަ އެނޫންވެސް އެއްޗެއް ނުދިނުމަށް ނުވަތަ އެއްވެސް ބާވަތެއްގެ ހިދުމަތެއް ފޯރުކޮށްނުދިނުމަށް ނުވަތަ އެއިންކަމެއް ކޮށްދޭނެކަމަށް ނުބުނުމަށްވެސް އޭސީސީން އެދިފައިވެއެވެ.

މީގެއިތުރުން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި، ޤާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ނުކުރުމަށްވެސް އެދިފައިވެއެވެ.

މަޖިލިސް އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ފާހަގަކުރެވޭނަމަ، އެ މައްސަލައެއް ކޮމިޝަނަށް ހުށަހެޅުމަށްވެސް އޭސީސީން އެދިފައިވެއެވެ.