Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

އިދިކޮޅުގެ ސްޓްރެޓަޖީއަކީ ދޮގު ވާހަކަ ފެތުރުން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު ފަރާތްތަކުން ސިޔާސީ އުކުޅެއްގެ ގޮތުން މިހާރު ގެންގުޅެނީ ދޮގު ވާހަކަތައް ފެތުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލުތަކަށް ސޯޝަލްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށި ސިލްސިލާ "ރައީސްގެ ޖަވާބު"ގައި، އަމިއްލަފުޅު ގޭގެ ޚަރަދުބަރަދަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފިކަމަށް ފަތުރާ ވާހަކައިގެ ހަގީގަތާ ގުޅޭގޮތުން ސުވާލު ކޮށްފައިވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިހާރު ފެންނަނީ ކުރިއާ ހިލާފަށް، އެއްވެސް ވަރެއްގެ ހަގީގަތެއް ނެތް ވާހަކަތައް ފަތުރަމުންދާތަން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވައިގެން އަމިއްލަފުޅު ގޭގައި ހުންނެވި ދުވަސްތަކަށް ދައުލަތުން 25 މިލިއަން ރުފިޔާ ހަރަދުކުރިކަމަށް ދެކެވޭ ވާހަކައާ ގުޅިގެން މުއިއްޒު ވިދާޅުވީ އެ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ގޭގައި ހުރީ އަމިއްލައަށް ހަރަދު ކޮށްގެން ކަމަށާއި ދައުލަތުން އެއްވެސް ވަރެއް ގެއަށް ހަރަދުކޮށްފައިނުވާނެ ކަމަށް ވިދާޅުވިއެވެ.

"ދައުލަތުން ހަރަދުކުރާގޮތަށް އޮންނަނީ. އެކަމަކު އަޅުގަނޑު ބޭނުންވީ އެއްވެސް ކަމެއްގައި އަޅުގަނޑު އަތުން ނޫނިއްޔާ ގެއަށް އެއްވެސް ހަރަދެއް ކުރަން. އެއީ ދުވަހަކުވެސް ތިކަހަލަ ވާހަކައެއް މީހަކު ބުނަންވެސް ޗާންސް ދޭން ބޭނުން ނުވާތީ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

100 ދުވަސްތެރޭ ކެއުމަށް 30 މިލިއަން ރުފިޔާ ހޭދަކުރިކަމަށް ބުނެ ފަތުރާ ވާހަކައަކީ ބުއްދީގެ ހަމަތަކުން ބަލާއިރުވެސް ގަބޫލުކުރަން ދަތިވާހަކައެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މުލިއާާގޭގެ ބަޖެޓުގައިވެސް ކެއުމަށް އަހަރަކަށް ބަޖެޓް ކޮށްފައިވަނީ 7 ލައްކަ ރުފިޔާކަން ފާހަގަަ ކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް ސާފުކޮށް އެނގޭ ކަމަށާއި އެކަންކަމާމެދު ދައްކާނެ ވާހަކައެއް އިދިކޮޅުގައި ނެތް ކަމަށެވެ.

"ހަދަހަދައިގެން ހުސް ދޮގު ވާހަކަ، އެއްވެސް ވަރެއްގެ ތެދެއް ނެތް ދޮގު ވާހަކަ، ފެތުރުން މިހާރު ސްޓްރެޓަޖީއަކަށް ގެންގުޅޭތަން މި ފެންނަނީ އިދިކޮޅު ފަރާތްތަކުން ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ މިފަދަ ވާހަކައެއް އިވިއްޖެނަމަ އެކަންކަމުގެ ހަގީގަތް ބެއްލެވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.