މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދާ، ގައުމުގެ މިސްރާބު ހަމަމަގަށް އެޅުވުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިކުއްލި މައްސަލަ ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މީކާއިލް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގައި ބުނެފައިވަނީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ހާސިލުކޮށްފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާ ގޮތަށް ބަލާއިރު، މި މައުލޫމާތުތަކަކީ ދެކޮޅު ނުޖެހޭ އޮޅުވާލުންތަކެއްކަން ހާމަވެފައިވާ ކަމަށެވެ.
އެގޮތުން ރައީސް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު 35 އިންސައްތަ ކަންކަން ހާސިލްވެފައިވާކަމުގައި ބުނެފައިވީނަމަވެސް، މައުލޫމާތު އިތުރަށް ދިރާސާކުރުމުން 56 އިންސައްތަ ކަންކަން ހާސިލުނުވާކަމާއި 18.9 އިންސައްތަ އަކީ ދޮގުކަން އަދި ހާސިލުވެފައިވަނީ އެންމެ 24.3 އިންސައްތަ މަސައްކަތްތައް އެނގޭ ކަމަށެވެ.
މީކާއިލް ހުށަހެޅި ކުއްލި މައްސަލައިގައިވަނީ ރައީސް މުއިއްޒު ވެލައްވާފައިވާ ވައުދުތައް ނުފުއްދެވޭކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެ ދައުލަތުގެ މާލީ ހާލަތު މިވަގުތު ހުރީ ވަރަށް ގޯސްކޮށް ކަމަށްވެސް ބުނެފައިވެއެވެ.