Last Updated: June 11, 18:22
Thursday, June 11, 2026
ޚަބަރު

އިންތިހާބު ފަސްކުރަން އަނެއްކާވެސް ފާސްކޮށްފި

ފޮޓޯ: ރައީސް އޮފީސް

އިންތިހާބުތަކާ ބެހޭ އާއްމު ޤާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީގު ނުކުރައްވާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލުމުން، އެ ބިލު އޮތްގޮތަށް އަނެއްކާވެސް ފާސްކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި އިސްލާހު ތަސްދީގު ނުކުރައްވާ އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުން އެދިވަޑައިގެންނެވެ.

މި ބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލުމުން، މިއަދުގެ ޖަލްސާގައި ބިލާ މެދު އަމަލުކުރާނެ ގޮތެއް ބެލުމަށް މެންބަރުންނަށް ހުޅުވާލުމުން ވާހަކަ ދައްކަވާފައިވަނީ އެމްޑީޕީގެ މެންބަރުން އެކަންޏެވެ. އެގޮތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުދީދީ ވަނީ އެ ބިލު ކޮމިޓީއަށް ނުފޮނުވާ، އޮތްގޮތަށް ތަޅުމުން އަނެއްކާވެސް ފާސްކުރުމަށް ހުށަހަޅާފައެވެ. އެ ހުށަހެޅުމަށް އެމްޑީޕީގެ ދެން ތިއްބެވި މެންބަރުން ތާއީދުކޮށް ވާހަކަ ދައްކަވާފައިވެއެވެ.

މި ހުށަހެޅުމާ ގުޅިގެން ބިލު އޮތްގޮތަށް ފާސްކުރުމަށް ވޯޓަށް އެހުމުން ފާސްކުރުމަށް ވޯޓު ދެއްވާފައިވަނީ 47 މެންބަރުންނެވެ. އަދި ފާސްކުރުމާ ދެކޮޅަށް 14 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

މި ބިލު އޮތްގޮތަށް މަޖިލީހުން އަނެއްކާވެސް ފާސްކުރުމުން މި ބިލު ތަސްދީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަޖުބޫރުވާނެއެވެ.

ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގައި ބުނެފައިވަނީ، މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން، އެ ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިސްލާހަކާމެދު ވިސްނުމަށް އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވިދާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާމެދު އަލުން ވިސްނުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ ކަމަށްވެސް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ރޯދަމަހުގެ ތެރޭގައި މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ. މަޖިލީހުން ފާސްކޮށްފައިވަނީ 10 ދުވަހަށްފަހު އިންތިހާބު ބޭއްވުމަށެވެ.