Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ޝާހްރުކްގެ "ކިންގް" ފްރާންސްގެ ފިލްމަކަށް ބިނާކޮށް

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާނާއި ދަރިފުޅު ސުހާނާ ޚާން އެކީގައި ކުޅެން ހަމަޖެހިފައިވާ އެކްޝަން ތުރިލާ "ކިންގް" އަކީ މީގެ 30 އަހަރު ކުރިން ރިލީޒްކުރި ފްރާންސްގެ ފިލްމު "ލިއޯން: ދަ ޕްރޮފެޝަނަލް" އަސްލަކަށް ބަލައިގެން ހަދަން ނިންމާފައިވާ އެއްޗެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ލޫޝް ބެސެން ޑައިރެކްޓްކޮށް، ސެޕްޓެމްބަރު 14، 1994 ގައި ރިލީޒްކުރި "ލިއޯން" އަކީ ގެރީ އޯލްޑްމަން އާއި ނަޓަލީ ޕޯޓްމަން އާއި ޖިއާން ރީނޯގެ އިތުރުން ޑެނީ އެއިލޯ މައިގަނޑު ރޯލުތައް ކުޅުނު ވަރަށް ކާމިޔާބު އެކްޝަން ތުރިލާއަކެވެ.

މިއަށް ބިނާކޮށް "ކިންގް" ގެ ނަމުގައި ޝާހްރުކް ދެބެފައިންނާ އެކީ ހަދަން ނިންމާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ސުޖޯއި ގޯޝް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު މި ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ރަސްމީކޮށް ހާމަނުކުރާތީ މިއާ ބެހޭ ގޮތުން ދެކެވޭ އެއްވެސް ވާހަަކައެއް އަދި ކަށަވަރެއް ނުވެ އެވެ.

ކުރިން އަޑު އަރާފައިވާ ގޮތުން އަދި ޝާހްރުކް ވެސް ނުސީދާކޮށް ބުނެފައިވާ ގޮތުން "ކިންގް" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށާނެ އެވެ. ނަމަވެސް މި މަހުގެ ކުރީކޮޅު ބައެއް މީޑިއާތަކުން ވަނީ މި ވަގުތަށް މި ފިލްމު ނަހަދަން ނިންމާފައިވާ ކަމަށެވެ. އެކަމަކު މިހާރު "ކިންގް" އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ބަލާ އިރު، ފިލްމުގެ މަސައްކަތް ފަށަން ތައްޔާރީތައްވަމުން އަންނަ އިރު، ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތީ މެއި މަހުގެ ތެރޭގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ކިންގް" ޕްރޮޑިއުސްކުރަނީ ޝާހްރުކްގެ ރެޑް ޗިލީސް އެންޓަޓައިންމަންޓާއި އޭނަގެ މިދިޔަ އަހަރުގެ ފިލްމު "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ކުންފުނި، މާފްލިކްސް ޕިކްޗާސް ގުޅިގެންނެވެ. އަދި އަންނަ އަހަރު "ކިންގް" ސިނަމާތަކަށް ގެންނާނެ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

ޝާހްރުކްގެ ހަމައެކަނި އަންހެން ދަރިފުޅު ސުހާނާ ފިލްމީ ދުނިޔެ އަށް ނުކުތީ މިދިޔަ ޑިސެމްބަރު މަހު ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އިންނެވެ.