Last Updated: April 30, 05:59
Tuesday, April 30, 2024
ޚަބަރު

އެޕޯލޯ ޓަވަރުތަކަށް އެސްޓީއޯގެ ކޯނޭ ބްރޭންޑު ލިފްޓު

އެޕޯލޯ ޓަވަރުގައި ލިފްޓް ހަރުކުރަން އެސްޓީއޯއަށް / ފޮޓޯ: އެސްޓީއޯ

އެޕޯލޯ ކުންފުނިން ހުޅުމާލޭގައި ތަރައްޤީ ކުރާ 9 ޓަވަރެއްގެ ލިފްޓު ހަރު ކުރުމަށް ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯއާއި ހަވާލު ކޮށްފިއެވެ.

އެޕޯލޯ ކުންފުނީގެ 9 ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުދަ ދުވަހުއެވެ. އެއްބަސްވުމުގެ ދަށުން އެޕޯލޯ ކުންފުނިން ތަރައްޤީ ކުރާ 9 ޓަވަރުގައި 46 ލިފްޓު ސަޕްލައިކޮށް އިންސްޓޯލް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ދެ ޓަވަރެއްގައި މިއަހަރު ލިފްޓު ސަޕްލައިކޮށް އިންސްޓޯލް ކުރެވޭނެ ކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.

އެސްޓީއޯއިން ލިފްޓް ހަރު ކުރުމުގެ އެއްބަސްވުމުގެ ދަށުން ކޮންމެ ޓަވަރެއްގައިވެސް މަދުވެގެން 5 ލިފްޓް ހަރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޓަވަރުތަކުގައި ހަރު ކުރާނީ މިހާރު މާކެޓުގައި އެންމެ މަޤްބޫލު އެއް ބްރޭންޑު ކަމުގައިވާ ކޯނޭގެ ލިފްޓުތައް ކަމަށް އެސްޓީއޯއިން ބުނެއެވެ. އެޕޯލޯ ޓަވަރު ތަކުގައި ހަރުކުރެވިގެންދާ "ކޯނޭ" ލިފްޓުތައް ވެގެން ދާނީ އެންމެ ޒަމާނީ އަދި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ފީޗާތައް ހިމެނިގެންދާނެ ލިފްޓް ތަކަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ރިއަލް އެސްޓޭޓް މާކެޓުގައި ހިމެނޭ ބޮޑެތި ޕްރޮޖެކްޓް ތަކެއްގައި "ކޯނޭ" ލިފްޓު ހަރުކޮށް ދީފައެވެ. އަދި މި ބްރޭންޑަކީ ދުނިޔޭގައި ލިފްޓާއި އެސްކެލޭޓަރ އިންޑަސްޓްރީގެ ވިދުންގަދަ އެއް ނަން ކަމަށް އެކުންފުނިން ފާހަގަ ކުރެއެވެ. މީގެ އިތުރުން "މެޝިންރޫމްލެސް" ލިފްޓް ދުނިޔެއަށް ތައާރަފް ކުރީ މިބްރޭންޑުންނެވެ. މިކަން ވެގެން ދިޔައީ ލިފްޓް ޓެކްނޮލޮޖީއަށް އައި އިންގިލާބީ ބަދަލަކަށެވެ.