Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

ކާނިގަސް އަންދާލި މީހުންނަށް ފިޔަވަޅު އަޅާނަން

ކާނިގަސް ރޯކޮށްލާފައި / ފޯޓޯ: ހއ. ބާރަށު ކައުންސިލް

ހ.އ ބާރަށުގައި ބޮޑު ތަކުރުފާނު ޖެއްސެވި ކަޑައަކުން ހެދިފައިވާ ކާނި ގަހުގައި ރޭގެ ވަގުތެއްގައި ބަޔަކު ގަސްތުގައި ރޯކޮށްލާފައިވާތީ އެފަރާތްތަކާއި މެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް މަސައްކަތް ކުރާނެ ކަމަށް ސަޤާފީ ތަރިކަ ރައްކާކުރުމާއި ބެހޭ ޤައުމީ މަރުކަޒުން ބުނެފިއެވެ.

މިމައްސަލާއާއި ގުޅިގެން އެ މަރުކަޒުން މިއަދު ނެރުއްވި ބަޔާނުގައި ބުނީ، ހއ. ބާރަށުގައި 450 އަށް ވުރެ ގިނަ އަހަރުވެފައިވާ ޤުދުރަތީ އަދި ސަޤާފީ ތަރިކައެއް ގޮތުގައި ހިމެނޭ ކާނި ގަހުގައި ހުޅުޖަހައި ގަހުގެ ބޮޑުބައެއް އަންދާލާފައިވާކަން އެ މަރުކަޒުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިކަން އެ މަރުކަޒުގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން ބާރަށު ކައުންސިލާއި ގުޅިގެން އެކަން ކުރި ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މަރުކަޒުން ބުނެއެވެ.

މީގެ އިތުރުން ސަޤާފީ ތަރިކައިގެ ޤާނޫނުގެ ދަށުން މިމައްސަލަ ބަލައި ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި މިހާރު އެދިފައިވާ ކަމަށާއި، މިމައްސަލާގައި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެކަމުގައި ޒިންމާވާ ފަރާތްތަކާއި މެދު ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އެ މަރުކަޒުން ބުންޏެވެ.

ހުޅުޖާހާފައިވާ ކާނި ގަހަކީ ކަޅުއޮއްފުންމި އަލަށް ބަންވައިގެން، ފަން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކާނި ކަޑައިން ހެދުނު ގަހެއް ކަމަށް އެ މަރުކަޒުން ބުނެއެވެ. މި ކާނިގަސް ހުރި ސަރަހައްދު ރައްކާތެރިކޮށް ހިމާޔަތްކޮށް އަދި އިޤްތިޞާދީ އަދި އިޖްތިމާޢީ ފައިދާ ލިބޭތަނަކަށް ބަދަލު ކުރުމަށް އެ މަރުކަޒުން މަސައްކަތް ކުރަމުންދާކަން އެ ފަރާތުން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ ސަޤާފީ ތަރިކަ ރައްކާތެރި ކުރުމާއި ބެހޭ ޤައުމީ މަރުކަޒުން ވަނީ ތާރީޙާއި ތަރިކައަކީ ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ އަމާނާތަކަށް ވީ ހިނދު ކަމާއި ގުޅުން ހުރި އިދާރާތަކުން އެއްބާރުލުން ދެއްވައި އެ މަރުކަޒާއި އެކު މަސައްކަތް ކޮށްދެއްވުން އެ މަރުކަޒުން ވަނީ އިލްތިމާސްކޮށްފައެވެ.