ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަކީ ޤާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށާއި އެހެންނަމަވެސް އެ އިސްލާހު މަޖިލީހުން މިހާރު ބާތިލު ކޮށްފައި އޮތުމުން، ސުޕްރީމް ކޯޓަށް އަޅައިދެވޭނެ އިތުރު ފިޔަވަޅެއް ނެތްކަމަށް އެ ކޯޓުން ހުކުމް ކޮށްފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނީ ޖެނުއަރީ 28 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އަޑުއެހުން ބާއްވާފައިވަނީ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ.
މި މައްސަލައިގެ ހުކުމް ކުރުމަށް އަޑުއެހުން ބާއްވާފައިވަނީ މިއަދުއެވެ. މި ހުކުމުގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ، މަޖިލީހުގެ ކޮންމެ ގޮނޑިއަކީ އިންތިހާބީ ދާއިރާއެއް ކަމަށާއި، އެ ގޮނޑިއެއްގެ ފަހަތުގައި އެތައް ހާސް ރައްޔިތުންނެއް ތިބޭ ކަމަށެވެ. އެހެންކަމުން އެ ގޮނޑިއެއް ހުސްވުމަކީ، އެ އިންތިހާބީ ދާއިރާ މަޖިލީހުގައި ތަމްސީލުކުރުން ހުއްޓޭނެ ކަމެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި، ރައްޔިތުންގެ މަޖިލީހުން ކަންކަން ނިންމުމުގައި ބޭނުންވާ މެޖޯރިޓީ އަދަދުތަކުގެ ތަފްސީލުތައް ހާމަކޮށް ބުނެފައިވަނީ، މަޖިލީހުން ކަމެއް ފާސްކުރުމަށް އެންމެ ބޮޑު އަޣުލަބިއްޔަތެއް ބޭނުންވަނީ ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ކަމަށާއި އެ ކަމަށްވެސް ބޭނުންވާ އަދަދަށް މަޖިލީހުގައި މެންބަރުން މިހާރުވެސް ތިބި ކަމަށެވެ. އަދި ހުކުމުގައި ބުނެފައިވަނީ މަޖިލީހުގެ ގަވައިދަށް އެ އިސްލާހު ގެނެސްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަަދަދު ގުނުމުގައި މެންބަރުން އިސްތިއުފާ ދީފައިވާ ދާއިރާތަކުގެ ގޮނޑިތައް ނުހިމަނާ ޖުމުލަ މެންބަރުންގެ އަދަދު ގުނުމަށް ނިންމާފައިވަނީ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އޮތް ހުދޫދުގެ ބޭރުން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް އިތުރު ކޮށްފައިވާ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އަކީ ޤާނޫނުއަސާސީއާ ހިލާފު އަކުރުތަކެއް ކަމުގައިވީނަމަވެސް، މި އަކުރުތަކަކީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި މިހާރު ބާތިލުކޮށްފައިވާ އަކުރުތަކެއްކަމުން، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 49 ވަނަ މާއްދާގެ (ކ)، (އ) އަދި (ވ) އާ ގުޅިގެން މި ކޯޓުން އަޅައިދޭނެ އިތުރު ފިޔަވަޅެއް ނެތްކަން." ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.