Last Updated: April 30, 12:06
Tuesday, April 30, 2024
ޚަބަރު

އެެއާ އެމްބިއުލާންސްގެ ހުއްދަ އިންޑިއާ އިން ވެސް ހޯދާނެ

މާދަމާ ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ނިންމާފައިވާ އިރު، ކައިރި މުސްތަގުބަލެއްގައި އޭގައި އިންޑިއާ އަށް ވެސް ބަލި މީހުން އުފުލަން ހުއްދަ ލިބޭނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެއާ އެމްބިއުލާންސަށް މިހާރު ހުއްދަ ލިބިފައި އޮތީ ސްރީ ލަންކާ އިން ކަމަށެވެ. އަދި އިންޑިއާ އަކީ ރާއްޖެއާ ވަރަށް ގާތް ގައުމަކަށްވެފައި ވަރަށް ގިނަ ބަޔަކު ބޭސް ފަރުވާ އަށް ދާ ގައުމަކަށްވާތީ އެ ގައުމުން ވެސް އެއާ އެމްބިއުލާންސަށް ހުއްދަ ލިބޭނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިންޑިއާ އަކީ އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން އެހީތެރިކަން ދެމުން އަންނަ ގައުމަކަށްވާތީ އިންޑިއާއާ އެއްކޮށް ވެސް މުސްތަގުބަލުގައި މީގެ އެެއްބަސްވުމަކަށް އަޅުގަނޑުމެން ވަދެވިގެން ދާނެ." ހަލީލު ވިދާޅުވި އެވެެ.

އޭނަ ވިދާޅުވި ގޮތުގައި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޑޭޝް 8 ގެ ބޯޓްތަކެއް ބޭނުންކޮށްގެން އެއާ އެމްބިއުލާންސްގެ ހިދުމަތްދޭ އިރު، ތައިލޭންޑާ ހަމައަށް ބަލި މީހުން އުފުލުމުގެ ފުރުސަތު އޮންނާނެ އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް މާދަމާ ރަސްމީކޮށް އިފުތިތާހުކުރަން ވަނީ ނިންމައިފަ އެވެ. ހަލީލު ވިދާޅުވީ އެކަމުގެ ހުރިހާ ތައްޔާރީތަކެއް މިހާރު ވެފައި ނިމިފައިވާ ކަމަށެވެ. އެގޮތުން އެއާ އެމްބިއުލާންސްގައި ފަސް ޑޮކްޓަރުންނާއި ފަސް ނަރުހުންނާއި ފަސް ޓެކްނީޝަނުން ތިބޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެއާ އެމްބިއުލާންސަކީ ޕެރެމެޑިކް ވަރަށް ގިނަ ހިދުމަތްތައް ދަތުރުމަތީގައި ބަލިމީހާ އަށް ދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އަދި އެއް ފަހަރާ ދެ މީހުން އުފުލޭނެ އެއްޗެެވެ.