Last Updated: June 11, 18:22
Thursday, June 11, 2026
ޚަބަރު

އެމްޕީއެލް ތެލުގެ ހިޔާނާތް: ތިން މީހަކަށް ދައުވާކޮށްފި

އެމްޕީއެލްގެ ހެޑް އޮފީސް- ފޮޓޯ: މިހާރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެކިއެކި އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ގަތުމުގައި ހިންގާފައިވާ މުއާމަލާތްތަކުގައި ހިޔާނާތުގެ އަމަލުތަކެއް ހިންގާފައިވާތީ ތިން މީހަކަށް ދައުވާ ކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފައިވަނީ އެމްޕީއެލްގެ އެކި އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ އެފްއެސްއެމް މެދުވެރިކޮށް ގަތުމުގައި ހިންގާފައިވާ މުޢާމަލާތްތަކުގައި އެމް.ޕީ.އެލްއާއި އެފް.އެސް.އެމްގެ މުވައްޒަފުންތަކެއް ގުޅިގެން ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގައި އެކުންފުނީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ތިން މީހަކަށް ދައުވާ ކުރުމަށް 28 ފެބްރުވަރީ ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރ ސ. ފޭދޫ، ވާރުގެ، މުޙައްމަދު އައިމަން، އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރު ސ. މަރަދޫ އާޒާދުގެ ޙަސަން ދީދީ އަދި އެފްއެސްއެމްގެ ތެޔޮ ބައުޒަރު ޑްރައިވަރު ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ސޮޖިބްއަށެވެ.

އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމެންޓްގެ ޗީފް މެނޭޖަރު އައިމަންގެ މައްޗަށް ކުރަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އަދި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ޞައްޙަނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ދައުވާއެވެ. އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ އެސިސްޓެންޓް މެނޭޖަރު ހަސަން ދީދީގެ މައްޗަށް ކުރަނީ މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ޞައްޙަނޫން ލިޔުމެއް އުފެއްދުމުގެ ދައުވާއެވެ. އަދި އެފްއެސްއެމްގެ ތެޔޮ ބައުޒަރު ޑްރައިވަރުގެ މައްޗަށް ކުރަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އަދި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާއެވެ.

ޕީޖީން ބުނެފައިވަނީ މި މައްސަލައިގައި އިތުރު 2 މީހެއްގެ މައްޗަށްވެސް ތުހުމަތުކުރެވޭ ކަމަށާއި އެ ދެމީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ޤާރީނާ ލިބިފައިނުވާތީ، މިވަގުތަށް ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި މައްސަލައަކީ މިހާރުވެސް ތަހުޤީޤު ކުރިއަށްދާ މައްސަަލައެކެވެ. ޕީޖީން ބުނެފައިވަނީ މިހާތަނަށް އެ އޮފީހަށް ބަލައިގަނެފައިވާނީ މި މައްސަލައިގައި ހިޔާނާތްތެރިވީކަމަށް ތުހުމަތުކުރެވޭ ފައިސާގެ ތެރެއިން 6.7 މިލިއަން ރުފިޔާގެ ބައި ކަމަށެވެ.. މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަހުގީގު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ބުނެފައިވެއެވެ.

"އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާގުޅޭ ހާއްސަ އޮޑިޓް ރިޕޯޓް 2018 – 2020" ގައި ބުނެފައިވަނީ، 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް 28،316،141 ރުފިޔާގެ ޑީސަލް، ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ ޖަނަރޭޓަރުތައް ހިންގުމަށް ދޫކުރިކަމަށް ރެކޯޑްކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 9،617،691 ރުފިޔާގެ ޑީސަލްއާއި ޓަގު ބޯޓުތައް އޮޕަރޭޓް ކުރުމަށް ދޫކުރިކަމަށް ރެކޯޑްކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 18،570،834 ރުފިޔާގެ ޑީސަލް އާއި އާރްޓީޖީ ކްރޭންތަކަށް އެޅުމަށް ދޫކުރިކަމަށް ރެކޯޑްކޮށްފައިވާ ޑީސަލްގެ ތެރެއިން ގެއްލުނު 127،616 ރުފިޔާގެ ޑީސަލެވެ.