Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

މަޖިލީހުގެ ނިންމުމަށް ރައީސަށް ގޮތެއް ނުނިންމޭނެ: އެމްޑީޕީ

ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކޮށްފައި އޮތްއޮތުމާމެދު ގޮތެއް ނިންމުމުގެ އިޚްތިޔާރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މިހާރު އޮތް އިޚްތިޔާރެއް ނޫން ކަމަށް އެމްޑީޕީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައިވާ ސްޕޯކްސްޕާސަން ކެނދިކުޅުދޫ ދާއިރާގެ މެންބަރު ހުމަދު އީސަ މިއަދު ވިދާޅުވީ ރޯދަ މަހު އިންތިހާބު ނުބޭއްވޭގޮތަށް މަޖިލީހުން ގާނޫނު ދެވަނަ ފަހަރަށް ފާސްކުރުމުން، އެ ބިލު އަވަހަށް ތަސްދީގުކުރައްވަން ޖެހޭނެ ކަމަށެވެ.

މަޖިލީހުން އެ ބިލު ދެވަނަ ފަހަރަށް ފާސްކޮށްފައިއޮތްކަން ފާހަގަކޮށް އީސަ ވިދާޅުވީ މަޖިލީހުގެ ނިންމުމާ ގުޅޭގޮތުން ގޮތެއް ނިންމުމަކީ ރައީސް މުއިއްޒުއަށް މިހާރު އޮތް އިހްތިޔާރެއް ނޫން ކަމަށެވެ. އެ ބިލު ދެވަނަ ފަހަރަށް ފާސްކުރުމަކީ މަޖިލީހަށް އޮތް އިޚްތިޔާރެއްކަން ފާހަގަކޮށް އީސަ ވިދާޅުވީ އެ އިޚްތިޔާރު ބޭނުންކޮށް މަޖިލީހުން ގޮތެއް ނިންމާފައިވާކަމަށެވެ. އެހެންކަމުން އެ ގާނޫނު ތަސްދީގު ކުރާނަންތޯ ނުކުރާނަންތޯ ގޮތް ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އޮތް އިހްތިޔާރެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އީސަ ވިދާޅުވީ މިފަދަ ހާލަތްތަކުގައި ފާސްކުރާ ބިލެއް ވަގުތުން ތަސްދީގު ކުރަން ޖެހޭނެ ކަމަށް މީގެ ކުރިން ކޯޓުންވެސް ކަނޑައަޅާފައިވާ ކަމަށެވެ. އީސަ ވިދާޅުވީ މި މައްސަލައިގައި ކޯޓަށް ދާންޖެހޭނަމަ ކޯޓަށްވެސް ދާނެ ކަމަށެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ރޯދަމަހުގެ ތެރޭގައި މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ. މަޖިލީހުން ފާސްކޮށްފައިވަނީ 10 ދުވަހަށްފަހު އިންތިހާބު ބޭއްވުމަށެވެ. މަޖިލީހުން މި ބިލު ފުރަތަމަ ފާސްކޮށް ތަސްދީގު ކުރުމަށް ފޮނުވުމުން ރައީސް ވަނީ އެ ބިލު ތަސްދީގު ނުކޮށް އަލުން ވިސްނުމަށް، މަޖިލީހަށް އަނބުރާ ފޮނުވާލާފައެވެ. އެހެންނަމަވެސް މަޖިލީހުން އިއްޔަ ވަނީ އެ ބިލު އޮތް ގޮތަށް އަނެއްކާވެސް ފާސްކޮށްފައެވެ.

ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގައި ބުނެފައިވަނީ، މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން، އެ ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިސްލާހަކާމެދު ވިސްނުމަށް އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވިދާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާމެދު އަލުން ވިސްނުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ ކަމަށްވެސް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ.