މި ސަރުކާރުގެ ހައުސިން މަޝްރޫއުތައް ޖުލައި މަހުގެ ފަހުން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނ. ކެނދިކުޅުދޫގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ކުރިއަށް ގެންދެވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްގެން ރާއްޖޭގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ލިބެން އޮތް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ކެނދިކުޅުދޫއަށްވެސް ހައުސިން ޔުނިޓް ފުރުސަތުތަކާއި އެކި ކަހަލަ ލުއި ލޯނުތައް ލިބޭނެ ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ އޮތް ހުރިހާ ސަރަހައްދަކަށްވެސް އަމާޒުކޮށްގެން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައިސް މުއިއްޒު ވިދާޅުވިއެވެ. މި އަހަރު ޖުލައި އޮގަސްޓްގެ ހިސާބުން ފެށިގެން މުޅި ރާއްޖެއަށް މިފުރުސަތު ހުޅުވާލެވޭ ހިސާބަށް ގެންދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިމަސައްކަތުގެ ތެރެއިން އިމާރާތެއް އެޅުމަށް ބޭނުންވާ މީހުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތްތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރާއްޖޭގައި 70،000 ހައުސިން ޔުނިޓް އިމާރާތް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.