ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް ޤާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފިއެވެ.
ޤާނޫނުއަސާސީއަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއެވެ.
އީވާ އިސްލާހު ހުށަހަޅުއްވާފައިވަނީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއަށެވެ. އީވާގެ އިސްލާހުގައި ބުނެފައިވަނީ، ސަރުކާރުން ވުޒާރާތައް އުފައްދާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ ވުޒާރާތަކުގެ އަދަދާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި ސަރުކާރުން އުފައްދާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ފެންނަ ޚިޔާލާއި މަޝްވަރާ ރައީސުލްޖުމްހޫރިއްޔާއަށް ދެވިދާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ސަރުކާރުގެ ވުޒާރާތައް އުފައްދާ ތާރީހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ވުޒާރާތަކުގެ މަސައްކަތްތަކަށް ބޭނުންވާނެ ސިޔާސީ މުވައްޒަފުންގެ އަދަދު، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން ފާސްކުރަންވާނެ ކަމަށެވެ.
ޤާނޫނުއަސާސީއަށް އީވާ ހުށަހަޅުއްވާފައިވާ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ އިއްޔަ ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
ރައިސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ގިނަ އަދަދެއްގެ ބަޔަކު އައްޔަނު ކުރަމުން ގެންދާތީ އެކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.