Last Updated: April 30, 11:23
Tuesday, April 30, 2024
ޚަބަރު

ޑީސެލް ނެތިގެން ހިތަދޫ ބަނދަރު ހުއްޓިފައި!

ހިތަދޫ ބަނދަރު ބޭރު ތޮށި ލުމުގެ މަސައްކަތް / ފޮޓޯ: އެމްޓީސީސީ

ޑީސެލް އަދި މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ނެތިގެން ހިތަދޫ ބަނދަރު މަސައްކަތް ހުއްޓިފައިވާތާ ދޮޅު މަސް ވެފައިވާ ކަމަށް އައްޑޫސީޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ހިތަދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ނުދާތީ އެކަމުގެ ކަންބޮޑުވުން ރޭ އައްޑޫސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި އާންމު ފަރާތަކުން ވަނީ ކޮށްފައެވެ. މިމަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާއިރު މިއީ މިހާތަނަށް ހަދަން ފަށައި އެންމެ ދިގު މުއްދަތަކަށް މަސައްކަތް ނުނިމިގެން އުޅޭ ބަނދަރުގެ ގޮތުގައި މޭޔަރ އަލީ ނިޒާރު ވަނީ ރޭގެ ބައްދަލުވުމުގައި ސިފަކޮށްފައެވެ.

މި ބައްދަލުވުމުގައި ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ތަފްސީލު ދެއްވަމުން ކައުންސިލަރ ހުސެއިން ޒަރީރު ވިދާޅުވީ، ބަނދަރުގެ މަސައްކަތް ހުއްޓިފައިވާތާ މިހާރު ދޮޅުމަސް ވެފައިވާ ކަމަށެވެ.

"ހުއްޓެން ދިމާވި އެއް ސަބަބަކީ މަސައްކަތަށް ބޭނުންވޭ މެޓީރިއަލްސް ނެތުން އެއްކަމަކަށް. ދެވަނަ ކަމަކަށް ޑީސެލް ނެތުން. އެއީ އަޅުގަނޑަށް ލިބިފައިވާ އެންމެ ފަހުގެ އަޕްޑޭޓަކީ. ދޭތެރެއަކުން ޖެނެރޭޓަރ މައްސަލައެއް ދިމާވެގެން މަސައްކަތް ހުއްޓިފައި އޮވެ، ޖަނެރޭޓަރު ރަނގަޅުވިއިރު އެތާން ބޭނުންވާ ޑީސެލް އަދި ބައެއް ކަހަލަ މެޓީރިއަލް ލިބިފައި ނެތް. " ޒަރީރު ވިދާޅުވިއެވެ.

ހިތަދޫ ބަނދަރު ބޭރު ތޮށި ލުމުގެ މަސައްކަތް / ފޮޓޯ: އެމްޓީސީސީ

ޒަރީރު ވަނީ ދާދި ފަހުން އައްޑޫއަށް ރައީސް މުއިއްޒު ވަޑައިގަތް ދުވަހު، ބަނދަރު މަސައްކަތް ޑީސެލް ނެތުމުގެ ސަބަބުން ހުއްޓިފައިވާކަން ދަންނަވާފައި ކަމަށެވެ.

"އެދުވަހު އަޅުގަނޑު އެވާހަކަ ދަންނަވާފަ، އެހެން ދުވަސްތަކެކޭ އެއްގޮތަށް ބަނދަރު މަސައްކަތް ބަލާލަން ދިޔައިރު އަޅުގަނޑަށް ފެނުނީ ބަނދަރުގައި އޮތް އެކްސްކަވޭޓަރު ލޭންޑިންގް ކްރާފްޓަކަށް ލައި ބޭރު ކުރިތަން. އެހެންވީމަ މިހާރު މަސައްކަތް ހުއްޓިފައި އޮތީ ތެޔޮ ނެތި، އެކްސްކަވޭޓަރ ނެތި. މަސައްކަތަށް ބޭނުންވާ މެޓީރިއަލްސްވެސް ނެތި. " ޒަރީރު ވިދާޅުވިއެވެ.

ހިތަދޫ ބަނދަރުގެ ބޭރު ތޮށީގައި ޖަހަން ގެނެސްފައިވާ 130 ބްލޮކްސް މިހާރު އެޅޭނެ ގޮތް ނެތުމުން އެ މަސައްކަތް ކުރިއަށްދާނީ އެކަމުގެ އިންތިޒާމު އެމްޓީސީސީން ހަމަޖެއްސުމުން ކަމަށް ކައުންސިލުން ބުނެއެވެ.

ހިތަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު އެޕްރީލް މަހުއެވެ. އޭގެ ފަހުން ބަނދަރުގެ އެތެރެ ތޮށި މަރާމާތުކޮށް ލައިޓު ޖަހައި ޕޭވްމެންޓް ވަނީ އަޅާފައެވެ. ނަމަވެސް ދެވަނަ ފިޔަވައްސެއްގެ ދަށުން ބަނދަރު ފުންކޮށް ބޭރު ތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ސަރަހައްދު ހިއްކުމުގެ މަސައްކަތުގެ ތެރެެއިން 55 އިންސައްތަ ނިމިފައިވާ ކަމަށް މިމަހުގެ ކުރީކޮޅު އެމްޓީސީސީން ވަނީ ބުނެފައެވެ.