Last Updated: June 12, 20:40
Friday, June 12, 2026
ސިޔާސީ

އެމްޑީޕީގެ ސިޔާސީ ހަރަކާތް ފެށުމުގެ ޖަލްސާ ބުދަ ދުވަހުގެ ރޭ

ފެބްއަރީ 7 ގައި ސަރުކާރު ބަދަލުވި ގޮތާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ބަލަމުންދާ މައްސަލާގައި، މަޖިލީހުގެ ކޮމެޓީ އަށް ޖާގަ ދިނުމުގެ ގޮތުން ފަސް ކުރެވުނު އެމްޑީޕީގެ ޚާއްސަ ޖަލްސާ އަންނަ ބުދަ ދުވަހުގެ ރޭ ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީގެ ލީޑަޝިޕްގެ ހުރިހާ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގަންނަވާ މި ޖަލްސާއަކީ 2013 ވަނަ އަހަރާއި 2014 ވަނަ އަހަރަކީ އެމްޑީޕީ އަށް ކަމިޔާބު އަހަރުތަކަކަށް ހެދުމަށް، ސިޔާސީ ޚަރަކާތްތައް ރަސްމީކޮށް ފެއްޓުމުގެ ގޮތުން ބާއްވާ ޚާއްސަ ޖަލްސާއެއް ކަމަށް ޕާޓީގެ ޗެއަޕާސަން ރީކޯ މޫސާ މަނިކު ވިދާޅު ވި އެވެ.

މި ޖަލްސާގައި ރިޔާސީ އިންތިޚާބްގެ ކެމްޕެއިން އާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބްގެ ކެމްޕެއިންގެ އިތުރުން މެމްބަޝިޕް އިތުރު ކުރުމަށް ޚާއްސަ ހަރަކާތްތަކެއް އާ ރޫހެއްގައި ފަށާނެ ކަމަށް ވެސް ރީކޯ މޫސަ ވިދާޅުވި އެވެ.

ބުދަ ދުވަހުގެ ރޭ 9:00 ގައި ކާނިވަލު ސަރަޙައްދުގައި އޮންނަ ޖަލްސާގައި ބައިވެރިވުމުގެ ދަޢުވަތު ޕާޓީއަށް ނިސްބަތްވާ ހުރިހާ މެމްބަރުންނަށާއި ހެޔޮއެދި ވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް ވެސް އަރުވާ ކަމަށް އެމްޑީޕީން ބުންޏެވެ.