Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ޕޮގްބާ ހަތަރު އަހަރަށް ސަސްޕެންޑްކޮށްފި

މަނާ ބޭހަށް ޕޮޒިޓިވްވުމާ ގުޅިގެން ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕޯލް ޕޮގްބާ ހަތަރު އަހަރަށް ފުޓްބޯޅަ އިން ސަސްޕެންޑް ކުރަން އިޓަލީގެ ނޭޝަނަލް އެންޓި ޑޯޕިން ޓްރައިބިއުނަލް އިން ނިންމައިފި އެވެ.

މަނާ ބޭހަށް ޕޮގްބާ ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު އިޓާލިއަން ލީގުގައި އުދިނޭސީ އަތުން ޔުވެންޓަސް މޮޅުވި މެޗަށްފަހު ހެދި ޓެސްޓުތަކުންނެވެ. އެ މެޗުގައި ޕޮގްބާ ކުޅެފައި ނުވާއިރު އޭނާ ޕޮޒިޓިވް ވެފައިވަނީ ޓެސްޓޮސްޓެރޯން ނަމަކަށް ކިޔާ ބޭހަކަށެވެ.

އެއާއެކު އިޓަލީގެ ނޭޝަނަލް އެންޓި ޑޯޕިން ޓްރައިބިއުނަލް އިން ވަނީ މައްސަލަ ބަލާ ވަކި ގޮތެއް ނިމެންދެން މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ވަގުތީ ގޮތުން ޕޮގްބާ ސަސްޕެންޑްކޮށްފަ އެވެ.

މައްސަލަ ބަލާ ނިންމުމަށްފަހު ޕޮގްބާ ފުޓްބޯޅަ އިން ހަތަރު އަހަރަށް ސަސްޕެންޑް ކުރަން ނިންމިކަން އެ ޓްރަބިއުނަލުން އިއުލާން ކުރީ މިއަދު އެވެ. އެ ނިންމުން ޕޮގްބާގެ ފަރާތުން އެޕީލް ކުރާނެ ކަމަށް ބެލެވެ އެވެ.

މި ސަސްޕެންޝަނާ ގުޅިގެން ޕޮގްބާ އަށް ދެން ފުޓްބޯޅައިގެ ތެރެއަށް އެނބުރި އާދެވުނީ 2027 ވަނަ އަހަރު އެވެ.

ޕޮގްބާ ޔުވެންޓަސް އަށް ބަދަލުވީ 2022 ވަނަ އަހަރުގެ ޖުލައިގައި ކަމަށްވާއިރު އަނިޔާގެ ގިނަ މައްސަލަތަކެއްގެ ސަބަބުން އޭނާ އަށް އެ ކްލަބަށް މާގިނަ މެޗުތަކެއް ކުޅެދެވިފައެއް ނުވެ އެވެ. އަނިޔާގެ ސަބަބުން އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި ވެސް ޕޮގްބާ ކުޅެފައެއް ނުވެ އެވެ.