Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

އާމިރުގެ ދަރިފުޅުގެ ފިލްމު ނެޓްފްލިކްސް އަށް

ބޮލީވުޑްގެ ތަރި އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާން ފިލްމީ ދުނިޔެ އަށް ތައާރަފު ކުރަން ހަމަޖެހިފައިވާ ފިލްމު "މާހާރާޖް" ނެޓްފްލިކްސް އިން ވަރަށް އަވަހަށް ޕްރީމިއާކުރަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.

މިއީ 2020 ގެ ތެރޭގައި މި ފިލްމުގެ ވާހަކަ ދެކެވެން ފެށި އެ ފިލްމު ގެނެސްދޭ ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) އިން ފިލްމާ ބެހޭ ގޮތުން ރަސްމީކޮށް އެއްޗެއް ބުނި ފުރަތަމަ ފަހަރެވެ. އެގޮތުން މިހާރު ވަނީ "މަހާރާޖް" ގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފަ އެވެ.

މި ފިލްމަކީ ވައިއާރްއެފް އިން 2018 ގައި ރާނީ މުކަރްޖީއާ އެކީ ގެނެސްދިން "ހިޗްކީ" ގެ ޑައިރެކްޓަރު ސިދާތު ޕީ މަލްއުތުރާ ހަދާފައިވާ އެއްޗެކެވެ. "މަހާރާޖާ" އަކީ 1862 ގައި އިންޑިއާގައި ފެންމަތިވި ޖިންސީ މައްސަލަތަކެއްގެ ވާހަކަ ގެނެސްދިން ނޫސްވެރިންތަކަކާ ދެކޮޅަށް ކުރި ދައުވާތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.

އެގޮތުން ފިލްމުގައި ޖުނައިދު ކުޅޭނީ އޭރު ނޫސްވެރިއެއްގެ ރޯލު އަދާކުރި ކަރްސަންދާސް މުލްޖީގެ ރޯލެވެ.

"މަހާރާޖް" ގެ ކާސްޓްގައި ޝަރުވާރީ ވާގް އާއި ޝާލިނީ ޕާންޑޭގެ އިތުރުން ޖައިދީޕް އަހުވާތު ވެސް ހިމެނެ އެވެ.

ޖުނައިދު މިހާރު އަންނަނީ އޭނަގެ ބައްޕަ އާމިރު ޕްރޮޑިއުސްކުރާ ލޯބީގެ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. ދާދި ފަހުން ޖަޕާންގައި މަންޒަރުތަކެއް ނަގާފައިވާ މި ފިލްމުގެ ބަތަލާ އަކީ ދެކުނުގެ ބަތަލާ ސައީ ޕައްލަވީ އެވެ.