އަޖޭ ދޭވްގަންގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ" ގެ ދެވަނަ ބައިގެ ޝޫޓިން ޖޫން މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ މިދިޔަ އަހަރު "ތޫ ޖޫޓީ، މޭ މައްކާރް" ގެނެސްދިން ޑައިރެކްޓަރު ލަވް ރަންޖަން ޕްރޮޑިއުސްކޮށް، 2019 ގައި ގެނެސްދިން ފިލްމުގެ ސްކްރިޕްޓް ވެސް މިހާރު ނިންމައި، އެ އިތުރަށް ޕޮލިޝްކުރަމުން އަންނަ ކަމަށެވެ. އަދި އަޖޭ މިހާރު ކުލެމުން އަންނަ ރޯހިތު ޝެޓީގެ "ސިންގަމް ރިޓާންސް" ގެ މަސައްކަތް ނިންމައިލެވުމާ އެކީ "ދޭ ދޭ ޕިޔާރު ދޭ 2" ގެ ޝޫޓިން ފަށާނެ ކަމަށް ބުންޏެވެ.
ތައްބޫ އާއި ރަކުލް ޕްރީތު ސިންގް ބަތަލާއިންގެ ރޯލު ކުޅުނު "ދޭ ދޭ ޕިޔާރު ދޭ" އަކީ އާކިވް އަލީ ޑައިރެކްޓްކުރި ފިލްމެކެވެ. ނަމަވެސް އޭނަގެ ބަދަލުގައި ދެވަނަ ބައި ޑައިރެކްޓްކުރާނީ އަލަށް ޑައިރެކްޝަނަށް ނުކުންނަ އަންޝުލް ޝަރުމާ ކަމަށް ޕިންކްވިލާ އިން ބުންޏެވެ.
ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު "ދޭ ދޭ ޕިޔާރު ދޭ" ގައި އަޖޭ ކުޅުނީ ދަރިން އުމުރުގެ ޒުވާނަކާ ހިތާވެގެން އުޅޭ އަދި އޭގެ ސަބަބުން ދިމާވާ ހެއްވާ ކަންތައްތަކެއް ދިމާވާ މީހެއްގެ ރޯލެވެ. ފިލްމުގައި އަޖޭ އާއި ތައްބޫގެ ޒުވާން ދެ ކުދިން ތިބެ އެވެ. އަދި އޭނަ ހިތާވަނީ އިނގިރޭސިވިލާތުން ދިމާވާ ޒުވާން ރަކުލްއާ އެވެ.
ޖުމްލަ 3 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދިން "ދޭ ދޭ ޕިޔާރު ދޭ" އަކީ ބޮކްސް އޮފީހުގައި 18 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.
އަޖޭގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 8 ގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ސުޕަނެޗްރަލް ތުރިލާ "ޝައިތާން" އެވެ.