Last Updated: April 29, 00:08
Monday, April 29, 2024
ދުނިޔެ

އިމާރާތެއްގައި ރޯވެ 46 މީހަކު މަރުވެއްޖެ

ބަންގްލަދޭޝްގެ އިމާރާތެއްގައި އަލިފާން ރޯވެ، 46 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ވެރިރަށް ޑާކާގައި "ކައްޗީ ބާއީ" ގެ ނަމުގައި ރެސްޓޯރަންޓެއް ހިންގަމުން އަންނަ އިމާރާތުގައި ރޯވީ ރޭ ކަމަށެވެ. އެ ހާދިސާގައި 75 މީހަކު ސަލާމަތްކޮށް، ޒަހަމްވި މީހުންނަށް އަންނަނީ ހޮސްޕިޓަލްފައި ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް އެވެ. މަރުވި 46 މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ދެ ގަޑިއެއްހާ އިރު ފަހުންނެވެ.

މި ހާދިސާ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކަމާބެހޭ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނި އަލިފާން ރޯވާން ދިމާވި ކަމަށް ބެލެވެނީ ގޭސް ލީކްވެގެންނެވެ. ބައެއް މީޑިއާތަކުން ބުނީ ރޯވި އިމާރާތުގެ ހުރިހާ ފްލޯތަކެއްގައި ވެސް ގިނަ އަދަދެއްގެ ގޭސްފުޅިތަކެއް ހުރި ކަމަށާއި އެތަނުގެ ސިޑިތަކުގައި ވެސް ގިނަ އަދަދެއްގެ ގޭސްފުޅިތަކެއް ޖަމާކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 21 ގައި ވެސް ޑާކާގެ އިމާރާތެއްގައި ރޯވެ 70 މީހަކު މަރުވެ، 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ.