Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ވައިއާރްއެފުން އެކްޓަރުން ހޯދަނީ

ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ސްޓޫޑިއޯ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އެކްޓްކުރަން ޝައުގުވެރިވާ މީހުންނަށް އެކަމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ސްޓޫޑިއޯ އިން މިއަދު ވަނީ ހުނަރު ދައްކައިލަން މަގުފަހިކޮށް ދިނުމުގެ ގޮތުން "ވައިިއާރްއެފް ކާސްޓިން" ގެ ނަމުގައި މޮބައިލް އެޕެއް ލޯންޗްކޮށްފަ އެވެ. މި އެޕް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑްކުރެވޭނެ އެވެ. މި އެޕް މެދުވެރިކޮށް އޮޑިޝަންތައް ހަދައި ދައްކައިލެވޭނެ އެވެ.

އެގޮތުން ވައިއާރްއެފުން އުފައްދާ ފިލްމުތަކާއި ވެބް ކޮންޓެންޓްތަކަށް އެފަދަ އޮޑިޝަންތަކުން ފާހަގަކޮށްލެވޭ ފަންނާނުންނަށް ފުރުސަތު ފަހިކޮށް ދޭނެ އެވެ.

 

View this post on Instagram

 

A post shared by Yash Raj Films (@yrf)

މިކަމާ ގުޅޭ ގޮތުން "ވައިއާރްއެފް ކާސްޓިން" ގެ އިސް މީހަކަށް ހުރި ޝާނޫ ޝަރުމާ ބުނީ މިއީ އެކްޓްކުރަން ޝައުގުވެރިވާ މީހުންނަށް އެ މީހުންގެ ކެރިއަރު ބިނާކުރަން ފަހިކޮށް ދޭން ކޮށައިދިން މަގެއް ކަމަށެވެ. އެގޮތުން އެޕް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގެ މީހަކަށް ވެސް ފުރުސަތު ހޯދަން މަސައްކަތް ކުރެވިދާނެ ކަމަށް ބުންޏެވެ.

އެހެންވެ އެކްޓިން އަށް ޝައުގުވެރިވާ މީހުން "ވައިއާރްއެފް ކާސްޓިން" ގެ ބޭނުން ހިފަން ޝާނޫ ވަނީ އެދިފަ އެވެ.

ވައިއާރްއެފަކީ ކުރީގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ޔާޝް ޗޯޕްޅާގެ ކުންފުންޏެވެ. އޭނަ މަރުވި ފަހުން އެތަން ހިންގުމުގެ ހުރިހާ ޒިންމާއެއް ނަގަމުން އަންނަނީ ދޮށީ ދަރިފުޅު އަދިތިޔާ ޗޯޕްޅާ އެވެ. މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އަދިތިޔާ އަކީ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) އާއި "މޮހައްބަތޭ" ފަދަ ފިލްމުތަކުގެ ޑައިރެކްޓަރެވެ.

ބައި ގަރުނަށް ވުރެ ދިގު ތާރީހެއް އޮތް ވައިއާރްއެފަކީ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ސްޓޫޑިއޯއެކެވެ. އެތަނުން މިހާރު "ވައިއާރްއެފް އެންޓަޓައިންމަންޓް" ގެ ނަމުގައި ސްޓްރީމިން ޕްލެޓްފޯމެއް ވެސް ހިންގަ އެވެ.

ވައިއާރްއެފަކީ ވަރަށް ގިނަ ތަރިން ބޮލީވުޑަށް ނެރެފައިވާ ސްޓޫޑިއޯއެކެވެ.