Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ހެލިކޮޕްޓަރު ހިދުމަތަށް ކޮންސަލްޓަންޓަކު ހޯދަނީ

ރާއްޖޭގައި އިމަޖެންސީ ހާލަތްތަކުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމާ ގުޅޭ ކަންކަމަށް ލީގަލް ކޮންސަލްޓަންޓަކު ހޯދަން އިއުލާންކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިކަމަށް ބޭނުން ވަނީ ކަމުގެ ތަޖުރިބާހުރި ގާބިލު ފަރާތެއް ކަމަށެވެ. އެހެންވެ ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ލީގަލް ކޮންސަލްޓަންކު ހޮވުމުގައި މައިގަނޑި ދެ ކަމަކަށް ބަލާނެ ކަމަށެވެ. އެގޮތުން ތަޖުރިބާ އާއި ގާބިލު ކަމަށް 75 ޕަސެންޓް އަދި ކޮންސަލްޓަންޓަކު ހޮވުމުގައި ހުށަހަޅާ އަގަށް 25 ޕަސެންޓް މާކްސް ދޭނެ އެވެ.

ރާއްޖޭގައި މިހާރު އިންޑިއާ އިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ބޭނުން ކުރެ އެވެ. އެއީ ރާއްޖޭގެ ދެކުނުން އައްޑު އާއި އުތުރުން ހަނިމާދޫގަ އެވެ. ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރަން ތިބެނީ އިންޑިއާގެ ސިފައިންނެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓާއި ޑޯނިއާ މަތިންދާބޯޓް ކަންކަމަށް ތިބޭ އިންޑިއާ ސިފައިން ފޮނުވައިލަން ނިންމައިފަ އެވެ.

އެގޮތުން އައްޑޫގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި މިހާރު ވަނީ ހެލިކޮޕްޓަރުގެ އޮޕަރޭޝަނަށް މަދަނީންތަކެއް ގެނެސްފަ އެވެ.