Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ކަޕިލްގެ ނެޓްފްލިކްސް ޝޯ 30 ގައި

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާގެ އާ ޝޯ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝަރުމާ ޝޯ" މި މަހުގެ 30 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމައިފި އެވެ.

މިކަން އިއުލާންކޮށް، ޝޯގެ ޕްރޮމޯއެއް ވެސް އާންމުކޮށްފައިވާ އިރު، އޭގައި ބުނީ ޝޯގެ އެޕިސޯޑްތައް ގެނެސްދޭނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 7:30 ގައި ކަމަށެވެ. ކަޕިލްގެ މުޅިން އާ ކޮމެޑީއެެއް ޝޯ ނެޓްފްލިކްސް އިން ގެނެސްދޭން ނިންމީ ސޮނީ ޓީވީން ގެނެސްދެމުން އައި "ދަ ކަޕިލް ޝަރުމާ ޝޯ" މިދިޔަ އަހަރުގެ މެދުތެރޭގައި މެދުކަނޑާލާފައި ވަނިކޮށެވެ.

އެހެންވެ ސޮނީ ޓީވީގެ ބަދަލުގައި ކަޕިލްގެ ޝޯ ދެން ފެންނާނީ ނެޓްފްލިކްސްއިންކަން އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ނަމަވެސް އޭނައާ އެކީ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި އުޅުނު މުހިއްމު ބައިވެރިންތަކެއް ނެޓްފްލިކްސްގެ ޝޯގައި ވެސް ހިމެނެ އެވެ. އެއީ ކުރުޝްނާ އަބީޝެކް، ކިކޫ ޝްރަދާ، ރަޖީވް ތާކޫރް އަދި އަރްޗަނާ ޕުރާން ސިންގް އެވެ. މީގެ އިތުރުން ކުރިން ކަޕިލްގެ ޝޯގައި އުޅުނު ސުނިލް ގްރޯވާ ވެސް އާ ޝޯގައި ހިއްސާވެ އެވެ.

ކަޕިލްގެ އާ ޝޯ ނެޓްފްލިކްސް އިން ޕްރީމިއާކުރަން ތައްޔާރުވަމުން އަންނަ އިރު، އޭނަ ހާއްސަ ރޯލެއް ކުޅެފައިވާ ފިލްމު "ކްރޫ" މި މަހުގެ 29 ގައި ސިނަމާތަކަށް އަންނާނެ އެވެ. މީގެ ކާސްޓްގައި ކަރީނާ ކަޕޫރް، ތައްބޫ، ކްރިތީ ސެނަން އަދި ދިލްޖީތު ދޮސަންޖް ހިމެނެ އެވެ.