Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ޕްރިޔަންކާ ކަނޑުފޭރެން ނުކުންނަނީ!

ފިލްމެއްގައި ކަނޑުފޭރޭ މީހެއްގެ ރޯލު ކުޅެން ބަތަލާ ޕްރިޔަންކާ ޗޯޕްޅާކޮށްފި އެވެ.

ޑެޑްލައިނުން ބުނީ "ދަ ބްލަފް" ގެ ނަން ދީފައިވާ މި ފިލްމަކީ މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން އޭނަގެ ވެބް ސީރީޒް "ސިޓަޑެލް" ގެނެސްދިން ޖޯ އާއި އެންތަނީ ރުސޯ ޕްރޮޑިއުސްކޮށް، ފްރޭންކް އީ ފްލާވާސް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ.

ފްރޭންކް އަކީ މިދިޔަ މަހު ރިލީޒްކުރި ބޮބް މާލީގެ ބައޮގްރަފިކަލް ޑްރާމާ "ބޮބް މާލީ: ވަން ލަވް" ގެ އެއް ސްކްރީން ރައިޓަރެވެ.

"ދަ ބްލަފް" ގެ ވާހަކަ ޑެޑްލައިނުން ގެނެސްދިން ޚަބަރުގެ ސްކްރީންޝޮޓެއް އިންސްޓަގްރާމްގައި ހިއްސާކޮށް، ޕްރިޔަންކާ ވަނީ ފިލްމަށް ސޮއިކުރިކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ.

އޮސްޓްރޭލިއާގައި ޝޫޓްކުރަން ހަމަޖެހިފައިވާ "ދަ ބްލަފް" ގެ ކާސްޓްގައި ކާލް އާބަން ވެސް ހިމެނޭނެ އެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ މިދިޔަ އަހަރުގެ ލޯބީގެ ފިލްމު "ލަވް އެގެއިން" އެވެ. ދެން އެންމެ އަވަހަށް އޭނަ ފެންނާނީ ކާސްޓްގައި އިޑްރިސް އެލްބާ އާއި ޖޯން ސީނާ ހިމެނޭ އެކްޝަން ކޮމެޑީ "ހެޑްސް އޮފް ސްޓޭޓް" އިންނެވެ.

ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅުމަށް ފަހު، ޕްރިޔަންކާ ހޮލީވުޑް ދަތުރު ފެށީ އޭބީސީ ނެޓްވޯކްގެ 2015 ގެ ސިލްސިލާ "ކްއަންޓިކޯ" އިންނެވެ. އޭގެ ފަހުން އޭނަ ކުޅުނު ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި "ބޭވޮޗް"، "އަ ކިޑް ލައިކް ޖޭކް"، "އިޒިންޓް އިޓް ރޮމޭންޓިކް؟"، "ވީ ކޭމް ބީ ހީރޯސް"، "ދަ ވައިޓް ޓައިގާ" އަދި "މެޓްރިކްސް: ރިސަރެކްޝަންސް" ހިމެނެ އެވެ.

ޕްރިޔަންކާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ. އެ އެ ފިލްމުގެ ބަތަލު ފަރުހާން އަޚްތަރު ޑައިރެކްޓްކުރަން އިއުލާންކޮށްފައި އޮތް "ޖީ ލޭ ޒަރާ" އަކީ ޕްރިޔަންކާ ސޮއިކޮށްފައި އޮތް އެއްޗެކެވެ.