ގދ. ގަމާ ދިމާލުން އޮޔާދިޔަ ޑައިވަރުންތަކެއް ސަލާމަތް ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ މެރިން ޕޮލިސްގެ ލޯންޗެއް މިއަދު ހެނދުނު ގދ. އަތޮޅަށް ދަތުރުކުރަމުންދަނިކޮށް ގދ. ގަމާ ދިމާލުން ކަނޑުމަތިން ޑައިވަރެއް ފެނިގެން ދިޔައިރު އެ ސަރަހައްދުން ދެ ޑައިވަރުން ފެނިފައިވާ ކަމަށެވެ.
އެ ދެ ޑައިވަރުން ނެގުމުން އިތުރު ޑައިވަރުންތަކެއް އޮޔާދާ ކަމަށް މައުލޫމާތު ދިން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެ ސަރަހައްދުން އޮޔާދިޔަ ރަޝިޔާގެ 10 ޑައިވަރެއް އަދި 4 އިންސްޓްރަކްޓަރުން ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. އިންސްޓްރަކްޓަރުންގެ ތެރެއިން 3 މީހުންނަކީ ދިވެހިންނެވެ.
ފުލުހުން ބުނެފައިވަނީ، މެރިން ޕޮލިސްގެ ލޯންޗް އެމީހުން ގދ. ގައްދޫއަށް ގެންގޮސް އެމީހުން ޑައިވިންއަށް ދިޔަ ސަފާރީ ދޯނި ގެނެސް އެމީހުން ހަވާލުކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި ސަލާމަތްކުރި އެންމެންގެވެސް ހާލު ރަނގަޅު ކަމަށް ފުލުހުން މައުލުމާތުދެއެވެ.