Last Updated: April 29, 22:11
Tuesday, April 30, 2024
ޚަބަރު

އާދިއްތައިގައި އިންތިހާބު ބާއްވަނީ ޤާނޫނަށް ގެނައި އިސްލާހުގެ ސަބަބުން

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން / ފޮޓޯ: ސަން

މިއަންނަ އެޕްރީލް މަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު އާދިއްތަ ދުވަހު ބާއްވަން ނިންމާފައިވަނީ ޤާނޫނަށް ގެނެވުނު އިސްލާހުގެ ސަބަބުން ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

އެ ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤް މިކަމާއި ގުޅޭގޮތުން އާންމު މީހަކު ކުރި ސުވާލަކަށް ސޯޝަލް މީޑިއާގައި ޖަވާބު ދެއްވަމުން ވިދާޅުވެފައިވަނީ، އާދިއްތަ ދުވަހު އިންތިހާބު ބާއްވަނީ އެ ދުވަހަކީ ރޯދަ މަސް ނިންމާލައި 10 ދުވަސް ދިނުމަށް ފަހު ލިބޭ ފުރަތަމަ ދުވަސް ކަމަށް ވުމުން ކަމަށެވެ.

"އިތުރަށް ލަސްކޮށްފިނަމަ ޤާނޫނުގައިވާ ގޮތަށް، މިހާރު އޮތް މަޖިލިސް އުވުމުގެ އެއްމަސް ދުވަސް ކުރިން އައު މަޖިލީސް ނުހޮވިދާނެ ކަމަށް ފެންނާތީ " ފުވާދު ވިދާޅުވިއެވެ.

ރާއްޖޭގެ އިންތިހާބުތައް އާންމުކޮށް ބާއްވަނީ ސަރުކާރު ބަނދު ދުވަސްތަކުގައެވެ. އެއީ ވީހާވެސް ގިނަ ބަޔަކަށް ވޯޓު ލުމުގެ ފުރުސަތު ދިނުމުގެ އިތުރުން މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތެރޭވެސް އޮފީސްތަކުގައި އުޅޭ ފަރާތްތައް އާންމު ގޮތެއްގައި ހިމެނުމާއެކުއެވެ.

ނަމަވެސް ރޯދަ މަހު އިންތިހާބު ބޭއްވުމުން ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބަލާ ޤާނޫނަށް އިސްލާހެއް ގެނެސް އެ އިސްލާހު މިހާރު ރައީސުލްޖުމުހޫއްރީއްޔާ ވަނީ ތަސްދީޤު ކުރައްވާފައެވެ. އެ އިސްލާހާއެކު މިމަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމި މަޖިލިސް އިންތިހާބު އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.

ރައީސް އެ އިސްލާހު ތަސްދީޤު ކުރެއްވީ ފުރަތަމަ މަޖިލީހުން ދެވަނަ ފަހަރަށް އިސްލާހު ފާސްކޮށް ފޮނުވުމުން، އޭޖީގެ ލަފާގެ މަތިންނެވެ.