Last Updated: May 5, 13:23
Sunday, May 5, 2024
ކުޅިވަރު

ނުނޭޒް ފަހު ވަގުތު ލިވަޕޫލް މޮޅުކޮށްދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ފަހު ވަގުތު ނޮޓިންހަމް ފޮރެސްޓް 1-0 އިން ބަލިކޮށް ލިވަޕޫލުން އެއް ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.

މި މޮޅާ އެކު ލިވަޕޫލް ލީގުގެ އެއް ވަނައިގައި އޮތީ 27 މެޗުން 63 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 26 މެޗުން 59 ޕޮއިންޓް ލިބިފަ އެވެ. ސިޓީން މާދަމާރޭ މެންޗެސްޓާ ޔުނައިޓެޑާ ކުޅޭނެ އެވެ.

ނޮޓިންހަމް ފޮރެސްޓްގެ ދަނޑުގައި ކުޅުނު މެޗުގައި، ލިވަޕޫލް އަދި ފޮރެސްޓަށް ވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. މި މެޗުން ލިވަޕޫލް މޮޅުވި ގޯލު ދެވަނަ ހާފުގައި ކުޅެން އެރި ނުނޭޒް ކާމިޔާބުކޮށްދިނީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނިޓް ވެސް ހިނގި ފަހުންނެވެ. އަލެކްސިސް މެކް އަލިސްޓާ ނަގައިދިން ހުރަހަކުން ނޫނޭޒް މި ގޯލު ޖެހީ ބޮލުންނެވެ.

ލީގުގެ ފަސް ވަނައިގައި އޮތް ޓޮޓެންހަމުން ވަނީ ފަހަރުން އަރައި ކްރިސްޓަލް ޕެލަސް އަތުން 3-1 އިން މޮޅުވެފަ އެވެ. އަދި ރަށުންބޭރުގައި ޗެލްސީ ވަނީ ބްރެންޓްފޯޑާ 2-2 އިން އެއްވަރުވެފަ އެވެ.

މި ނަތީޖާއާއެކު ޗެލްސީ ލީގުގެ 11 ވަަނައިގައި އޮތީ 26 މެޗުން 36 ޕޮއިންޓާ އެކު އެވެ. ލީގުގެ 10 ވަނައިގައި އޮތް ވުލްވްސް ރޭ ވަނީ 3-0 އިން ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. ނިއުކާސަލް އޮތީ 27 މެޗުން 40 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. ހަތް ވަނައިގައި އޮތީ މިރޭ އެވަޓަން ދަނޑުގައި 3-1 އިން މޮޅުވި ވެސްޓްހަމް ޔުނައިޓެޑް އެވެ. ވެސްޓް ހަމް ވަނީ 27 މެޗުން 42 ޕޮއިންޓް ލިބިފަ އެވެ.