Last Updated: May 5, 13:23
Sunday, May 5, 2024
ކުޅިވަރު

ރެއާލް އެއްވަރު، ބެލިންހަމް އަށް ރަތެއް

ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގައި ރަށުން ބޭރުގައި ވެލެންސިޔާއާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރު ވިއިރު، އެ މެޗުގައި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އަށް ރަތް ކާޑު ދައްކައިފި އެވެ.

މި ނަތީޖާއާ އެކު ވެސް 27 މެޗުން 66 ޕޮއިންޓް ހޯދައިގެން ރެއާލް އޮތީ އެއްވަނައިގަ އެވެ. ދެވަނައިގައި 26 މެޗުން ލިބުނު 59 ޕޮއިންޓާ އެކު އޮތީ ޖިރޯނާ އެވެ. ލީގުގައި މިރޭ ޖިރޯނާ ރަށުން ބޭރުގައި ނިކުންނާނީ މަޔޯކާއާ ދެކޮޅަށެވެ.

ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗުގެ 27 ވަނަ މިނެޓްގައި ހޫގޯ ޑޫރޯ ވަނީ ވެލެންސިއާ އަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 30 ވަނަ މިނެޓްގައި ރެއާލްގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ރޯމަން ޔަރެމްޗުކް ވަނީ ވެލެންސިއާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ވިނީޝަސް ޖޫނިއާ ވަނީ ރެއާލަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ.

މެޗުގެ 76 ވަނަ މިނެޓްގައި ރެއާލަށް ނަތީޖާ އެއްވަރުކޮށްދިނީ ވެސް ވިނީޝަސް ކަމަށްވާ އިރު، މި ގޯލަށްފަހު ލީޑު ނަގަން ރެއާލުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ އެންމެ ފަހު ސިކުންތުކޮޅު ތެރޭ ރެއާލްގެ ބްރަހިމް ޑިއާޒް ހުރަސްކޮށްލި ބޯޅައެއް ބެލިންހަމް ބޮލުން ގޯލަށް ފޮނުވާލި ނަމަވެސް ރެފްރީ ވަނީ އެ ގޯލު ކާމިޔާބު ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކަށިގަނޑު ފުމުނު ފަހުން ކަމަށް ނިންމައި ގޯލު ބަލައިގަންނަން ދެކޮޅު ހަދާފަ އެވެ.

އެއާ އެކު ރެއާލްގެ ކުޅުންތެރިން މެޗުގެ ރެފްރީ، ގިލް މަންޒާނޯ ވަށާލައިގެން ތިބެ ދިޔައީ ޝަކުވާ ކުރަމުންނެވެ. އެ ހިތްހަމަނުޖެހުމުގެ ތެރެއިން ރެފްރީއާ ދިމާލަށް ބުނި އެއްޗެއްގެ ސަބަބުން ރެފްރީ ވަނީ ބެލިންހަމް އަށް ރަތް ކާޑު ދައްކާފަ އެވެ.

މި ނަތީޖާއާ އެކު ރެއާލުން މިހާރު ވަނީ ލީގުގައި ބަލި ނުވެ 21 މެޗު ފުރިހަމަ ކޮށްފަ އެވެ.