ރ. އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރްއައިގެ ހިދުމަތް ވަރަށް އަވަހަށް ފައްޓަވާ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. އުނގޫފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ހެވާ ލާބައަށްޓަކައި އަދި އުނގޫފާރުގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ ސަރަހައްދީ ތަރައްގީއަށްވެސް ބަލާއިރު އުނގޫފާރަކީ އިސްކަންދޭ މުހިންމު ރަށެއް ކަމަށެވެ.
ރާއްޖޭގެ ގައުމީ ބޮޑެތި މައްސަލަތަކަށް އިސްކަންދިނުމަށްފަހު ދެން އިސްކަމެއްދޭނީ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްކަން ފާހަގަކޮށް ރައީސް މުއިއްޒު ވިދާޅުވީ އެ މަސައްކަތްތައް ކުރެވެމުން ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ބިމުގައި ގެދޮރުއެޅުމަށް ބޭންކިން ނިޒާމުގެ ތެރެއިން ފަސޭހަ ކަމާއެކު ލޯނު ލިބޭނެ ކަމަށެވެ. އަދި މިކަމުގެ ނަތީޖާ އުނގޫފާރުންވެސް ފެންނާނެ ކަމަށް ވިދާޅުވިއެވެ.
އުނގޫފާރުގެ ތަރައްގީގެ މަސައްކަތްތަކުގެ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އުނގޫފާރުގެ ހޮސްޕިޓަލުގައި އެމްއާރްއައިގެ ހިދުމަތް ފަށާ، ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު އިތުރުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ގެންދިއުމަކީ ވިސްނުން ކަމަށެވެ.
މީގެއިތުރުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ 7 އާބަން ސަރަހައްދެއް ތަރައްގީކުރުމަށް ވައުދުވެފައިވާއިރު އުނގޫފާރަކީ އޭގެތެރެއިން އެއް ސަރަހައްދު ކަމަށެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ރޯދަ މަހުގެ ފަހުން އުނގޫފާރުގައި އެމްއާރްއައިގެ ހިދުމަތްދޭން ފަށާނެ ކަމަށެވެ. އުނގޫފާރު ހޮސްޕިޓަލަކީ ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާތަނެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން އިތުރުކޮށް ހިދުމަތް ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.