Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

މަޖިލިސް އިންތިހާބު: އޭޕްރިލް 21، 22 ބަންދު ކޮށްދޭން އެދެނީ

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ދުވަހާއި ޖެހިގެން އަންނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 21 ވާ އާދީއްތަ ދުވަހުއެވެ.

މިކަމާ ގުޅިގެން "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން އީސީގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ކޮމިޝަނުން ބަންދު ކޮށްދޭން އެދިފައިވަނީ އޭޕްރިލް 21 އަދި 22 ވަނަ ދުވަސް ކަމަށެވެ. އެގޮތަށް އެދިފައިވަނީ އިންތިހާބުގެ ވޯޓުލުން ބައެއް ސްކޫލްތަކުގައި ކުރިއަށްދާނެތީކަންވެސް ފާހަގަކުރެއްވިއެވެ.

ހަބީބް ވިދާޅުވީ މީގެކުރިންވެސް އިންތިހާބުތަކާ ގުޅުވާ ސަރުކާރު ބަންދު ކޮށްދެއްވާފައިވާ ކަމަށާއި މިފަހަރުވެސް ސަރުކާރު ބަންދު ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މީގެކުރިން އިންތިހާބު ބޭއްވުމަށް ނިންމާފައިއޮތީ މާޗް 17 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އާންމު އިންތިހާބުތަކާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގައިވަނީ ރޯދަ މަހު އިންތިހާބު ނުބާއްވާ ރޯދަ ނިމިގެން 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށެވެ.

އޭޕްރިލް 21 ވާ އާދިއްތަ ދުވަހު އިންތިހާބު ބޭއްވުމަށް ނިންމި ނިންމުމާ ގުޅިގެން އީސީގެ ރައީސް ފުވާދް ތައުފީގް ވިދާޅުވެފައިވަނީ އޭޕްރިލް 21 ގެ ފަހަށް އިތުރަށް ލަސްކޮށްފި ނަމަ، ގާނޫނުގައިވާ ގޮތަށް، މިހާރު އޮތް މަޖިލިސް އުވުމުގެ އެއް މަސް ދުވަހުގެ ކުރިން އާ މަޖިލިސް ނުހޮވިދާނެކަމަށެވެ.