ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބ. ތުޅާދޫގައި ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންގޮސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދާއިރު އެމްޑީޕީގެ އެޑްވައިޒަރު ކުރީގެ ރައީސް ސޯލިހް މިއަދު ވަނީ ތުޅާދޫއަށް ވަޑައިގެން އެ ރަށުގައި އެ ދާއިރާގެ ކެމްޕޭން ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކެމްޕޭން ޓީމްތަކާ ބައްދަލުކުރައްވާ ދޮރުން ދޮރަށް ހިންގަވާ ކެމްޕޭން ހަރަކާތް ކުރިއަށް ގެންދަވާފައިވެއެވެ.
ބ.ތުޅާދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ މުޙައްމަދު ޝަފީގުއެވެ.
ރައީސް @ibusolih މަޖިލިސް20 ބ.ތުޅާދޫ ދާއިރާގެ މިޕާޓީގެ ކެންޑިޑޭޓް މުޙައްމަދު ޝަފީގުއަށް ތާއިދު ހޯއްދެވުމަށް ބ.ތުޅާދޫގައި ދޮރުން ދޮރަށް ހިންގެވުން ކުރިއަށްދަނީ. #VoteMDP #VoteShafeeg#MisraabuHamaMagah pic.twitter.com/2CiGFAKwY7
— MDP Secretariat (@MDPSecretariat) March 3, 2024
ރައީސް ސޯލިހް އިއްޔަ ވަނީ ހިތާދޫ ދާއިރާގައި ވެސް ކެމްޕޭން ހަރަކާތް ކުރިއަށްގެންދަވާފައެވެ.
ބ. އަތޮޅުގެ ރަށްތަކުގައި ރައީސް ސޯލިހް އެމްޑީޕީގެ ކެމްޕޭން ހަރަކާތް ކުރިއަށް ގެންދަވާއިރު ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުވެސް މިފަހުން ވަނީ ކެމްޕޭނަށް ކުޅުދުއްފުށިސިޓީއަށް ވަޑައިގެންފައެވެ.
20 ވަނަ މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނީ 326 ފިރިހެން އަދި 42 އަންހެން ކެންޑިޑޭޓުންނެވެ. 20 ވަނަ މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. އެމްޑީޕީން އިންތިހާބުގައި ވާދަކުރަނީ 90 ކެންޑިޑޭޓުންނެވެ.