Last Updated: May 14, 19:31
Tuesday, May 14, 2024
މުނިފޫހިފިލުވުން

ފައުޒިއްޔާގެ ފަހު ފެނިލުމުން "ބޮޑު" ތަންކޮޅެއް!

ކުރީގެ ބަތަލާ ފައުޒިއްޔާ ހަސަން އެންމެ ފަހުން ކުޅުނު ފިލްމު "ލަސްވިޔަސް" ގައި އޭނަ ކުޅުނު ކުޑަ ރޯލުން "ބޮޑު ތަންކޮޅެއް" ދައްކާލައިފި އެވެ.

ފައުޒިއްޔާ އާއި ފިލްމުގެ ލީޑު ބަތަލާ ވާޝިއާ މުހައްމަދު ފެނިގެންދާ މި މަންޒަރު "ލަސްވިޔަސް" އުދެއްދި އިޓާނަލް ޕިކްޗާސް އިން އާންމުކުރީ ފިލްމުގެ ޓިކެޓް މިހާރު އޮންލައިންކޮށް ވިއްކަން ފެށިކަން އިއުލާންކުރުމުގެ ގޮތުންނެވެ. މުހައްމަދު ނިޔާޒު (ޓެޑްރީ) ލިޔެ، ޑައިރެކްޓްކުރި ފިލްމު އޮލިމްޕަހުގައި ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ގަ އެވެ.

"ލަސްވިޔަސް" ގެ ޓްރެއިލާ މިދިޔަ މަހު އާންމުކުރި އިރު ވެސް ފައުޒިއްޔާގެ ފެނިލުމުން ތަންކޮޅެއް ދައްކާލާފައިވެ އެވެ.

މި ފިލްމަކީ 1994 ގެ "ދެރިޔާ" އަށް ފަހު، ޓެޑްރީ ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ.

މީގައި ފައުޒިއްޔާގެ ފަހު ފެނިލުން ފެނިގެންދާ އިރު، އެތައް ފިލްމަކާއި ޓީވީ ސިލްސިލާތަކެއް ކުޅުނު 80 އަހަރުގެ ބަތަލާ ހާޓްއެޓޭކެއް ޖެހިގެން މަރުވީ އޮގަސްޓް 30، 2022 ގަ އެވެ.

ފައުޒިއްޔާގެ ވަކިވުމާ ގުޅިގެން ޓެޑްރީ ވަނީ އޭނަގެ ހަނދާންތަކެއް އާކޮށް، ފައުޒިއްޔާއާ އެކީ މަސައްކަތް ކުރަން ލިބުމަކީ ކެރިއަރުގައި ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ލަސްވިޔަސް" އަކީ ވަރަށް އަސަރު ގަދަ ވާހަކައެއް ކިޔައިދޭނެ ލޯބީގެ ފިލްމެކެވެ. މީގެ ކާސްޓްގައި ކުރީގެ ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަނާއި އަހުމަދު އީސަ އާނަންދު)، އަހުމަދު އާސިމް، ހަދީޖާ އިބްރާހީމް ކުޑަހައްޖަ، ރީކީ މޫސާ މަނިކު، އިފްނާޒް ފިރާގު، ތާތި އާދަމްގެ އިތުރުން ވެސް އެތައް ތަރިންނެއް ހިމެނެ އެވެ.