ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 103 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.
އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައިހުރި 103 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލާފައިވަނީ މިއަދު ދޫނިދޫގައެވެ.
މިއަދު ނައްތާލާފައިވަނީ 958 މައްސަލައާއި 197 އިންސިޑެންޓުގައި ހިމެނޭ 3121 އެވިޑެންސް ކަމަށް ފުލުހުން މައުލޫމާތުދެއެވެ
އޭގެތެރޭގައި ހިމެނެނީ މަސްތުވާތަކެތިހުރި 8293 ރަބަރު ޕެކެޓު، 2731 ސެލޯފިންކޮޅު، ފިލްމުހުސްކުރި 237 ދަޅު، 585 ބުލެޓު އަދި 30 ބިޑީގެ އިތުރުން 537 މަނާ ބޭސްގުޅަ ކަމަށާއި އަދި އެހެނިހެން ތަކެތީގެ ގޮތުގައި 3045 އައިޓަމެއް ނައްތާލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިތަކެތީގެ މަގުމަތީ އަގު 425،590،234.92 އަށް އަރައެވެ.
މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.