Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

ތިން ބައި-އިލެކްޝަނެއް ފަސްކޮށްފި

ރޯދަ މަހު ބޭއްވުމަށް ނިންމާފައި އޮތް ތިން ބައި-އިލެކްޝަނެއް ރޯދައިގެ ފަހުން މަޖިލިސް އިންތިޚާބާ އެކު ބޭއްވުމަށް ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް ގެނެސްފައިވާ އިސްލާހުން އެއްވެސް އިންތިޚާބެއް ރޯދަމަހު ބާއްވައިގެން ނުވާނެ ކަމަށާއި، ރޯދަމަހުގައި އިންތިޚާބެއް ބާއްވަން ޖެހޭ ހާލަތުގައި، އެ އިންތިޚާބެއް ބާއްވަންވާނީ ރޯދަމަސް ނިމި، 10 ދުވަސް ފަހުން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެހެންކަމުން މާރޗް 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި މާރޗް 30 ވަނަ ދުވަހު ބާއްވަން އިއުލާނު ކޮށްފައިވާ މ. މަޑުއްވަރީ ކައުންސިލް ގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ފަސްކޮށްފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

މި ތިން ބައި-އިލެކްޝަންވެސް ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ މަޖިލީހުގެ އިންތިހާބު އޮންނަ، އެޕްރީލް 21 ވާ އާދިއްތަ ދުވަހުއެވެ.

ހަބީބް ވިދާޅުވީ މި ތިން ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ހަވީރު 04:00 އަށް ކަމަށެވެ. އަދި ވޯޓުގުނަން ފަށާނީ އެދުވަހުގެ ހަވީރު 4:30 ގެ ފަހުން ކަމަށެވެ.