Last Updated: June 11, 17:05
Thursday, June 11, 2026
ޚަބަރު

އިންތިހާބު އޮންނަ ދުވަސް ބަންދު ކުރާނަން

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. ދުވާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އިންތިހާބު ފަސްކުރުމުގެ ޤާނޫނު މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރުމުން އެ ބިލު ތަސްދީގު ކުރެއްވި ކަމަށާއި، އެހެންނަމަވެސް އާދީއްތަ ދުވަހު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ އެ ކޮމިޝަންގެ ނިންމުމެއް ކަމަށެވެ.

އާދީއްތަ ދުވަހު އިންތިހާބު ބޭއްވުމަށް އީސީން ނިންމުމުން އެ ދުވަސް ސަރުކާރު ބަންދު ކުރައްވާނެކަން ދަންނަވާފައިވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އީސީގެ ނައިބުރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ ކޮމިޝަނުން ސަރުކާރު ބަންދު ކޮށްދޭން އެދިފައިވަނީ އޭޕްރިލް 21 އަދި 22 ވަނަ ދުވަސް ކަމަށެވެ. އެގޮތަށް އެދިފައިވަނީ އިންތިހާބުގެ ވޯޓުލުން ބައެއް ސްކޫލްތަކުގައި ކުރިއަށްދާނެތީކަންވެސް ފާހަގަކުރެއްވިއެވެ.

މީގެކުރިން އިންތިހާބު ބޭއްވުމަށް ނިންމާފައިއޮތީ މާޗް 17 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އާންމު އިންތިހާބުތަކާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގައިވަނީ ރޯދަ މަހު އިންތިހާބު ނުބާއްވާ ރޯދަ ނިމިގެން 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށެވެ.

އޭޕްރިލް 21 ވާ އާދިއްތަ ދުވަހު އިންތިހާބު ބޭއްވުމަށް ނިންމި ނިންމުމާ ގުޅިގެން އީސީގެ ރައީސް ފުވާދް ތައުފީގް ވިދާޅުވެފައިވަނީ އޭޕްރިލް 21 ގެ ފަހަށް އިތުރަށް ލަސްކޮށްފި ނަމަ، ގާނޫނުގައިވާ ގޮތަށް، މިހާރު އޮތް މަޖިލިސް އުވުމުގެ އެއް މަސް ދުވަހުގެ ކުރިން އާ މަޖިލިސް ނުހޮވިދާނެކަމަށެވެ.