Last Updated: April 29, 00:08
Sunday, April 28, 2024
ދުނިޔެ

މިސްޓަ އިބޫ މަރުވެއްޖެ

މިސްޓަ އިބޫގެ ނަމުން މަޝްހޫރު ނައިޖީރިއާގެ އެކްޓަރު ޖޯން އޮކަފޯ މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އުމުރުން 62 އަހަރުގެ އެކްޓަރު އިއްޔެ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. މިދިޔަ އަހަރުން ފެށިގެން ސިއްހީ ހާލު ވަރަށް ބޮޑަށް ގޯސްވެފައިވާ މިސްޓަ އިބޫގެ އެއް ފައި ވެސް މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ބުރިކޮށްލަން ޖެހުނެވެ. އަދި އެ އޮޕަރޭޝަނަށް ހިނގި ހަރަދު ހޮސްޕިޓަލަށް ދައްކައި ދިނީ ފޭނުންތަކެއް ކުރިއަށް ގެންދިޔަ އޮންލައިން ކްރައުޑްފަންޑިންއަކުންނެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިސްޓަ އިބޫގެ ދަރިން އޭނައާ އަޅައެއް ނުލަ އެވެ. އޭނަގެ ފޯނު، ފިރިހެން ދަރިފުޅު ޑެނިއަލް އެކަފޯ އާއި އެޑޮޕްޓްކޮށްފައިވާ އަންހެން ދަރިފުޅު ޖެސްމީން ޗިއޯމާ، ހެކްކޮށް 60،700 ޑޮލަރު "ފޭރިގަތް" މައްސަލައެއްގައި އެ ދެ މީހުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ތިބީ ހައްޔަރުކޮށްފަ އެެވެ.

މިސްޓަ އިބޫގެ މަރާ ގުޅިގެން އެކްޓާސް ގިލްޑް އޮފް ނައިޖީރިއާގެ ރައީސް އެމެކާ ރޮލަސް ވިދާޅުވީ އިބޫގެ ވަކިވުމަކީ ފުންހިތާމައެއް ކަމަށާއި އޭނަގެ ވަކިވުމަކީޯ ނައިޖީރިއާގެ މުނިފޫހި ފިލުވުމުެ ދާއިރާ އަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ.

ކޮމެޑީ ރޯލުތަކުން އާންމުންގެ ލޯތްބާއި ތާއީދު ހޯދި މިސްޓަ އިބޫ ވަނީ 40 އަހަރަށް ވުރެ ގިނަ ދުވަހު ފިލްމީ ދާއިރާގައި މަސައްކަތްކޮށްފަ އެވެ. އޭނަގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ކެޒިއާ"، "9 ވައިވްސް" އަދި "މިސްޓަ އިބޫ އިން ލަންޑަން" ހިމެނެ އެވެ.

މިސްޓަ އިބޫ ކުޅުނު ފިލްމުތަކުގެ އަދަދު 200 އަށް ވުރެ ގިނަ އެވެ.