Last Updated: April 30, 05:59
Tuesday, April 30, 2024
ޚަބަރު

މާލެ ސަރަހައްދުން 158 އުޅަނދު ނައްތާލައިފި

މާލެ ސަރަހައްދުގެ މަގުތަކަށް އަދި އެހެނިހެން ތަންތަނަށް ދޫކޮށްލާފއި ހުރި އުޅަނދުތައް ނެގުމުގެ ޕްރޮގްރާމުގެ ތެރެއިން 158 އުޅަނދެއް ނައްތާލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިކަން ހާމަކޮށް ބުނެފައިވަނީ މިދިޔަ ހަފްތާގެ ނިޔަލަށް މާލެ ސަރަހައްދުގެ މަގުތަކުން 4 ފުރޮޅުލީ 158 އުޅަނދެއް ނަގައި ނައްތާލާފައިވާ ކަމަށެވެ. މިއީ އުޅަނދުތަކަކީ މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަސް ވަންދެން ދޫކޮށްލާފައި ހުރި އުޅަނދުތަކެއް ކަމަށް ޓްރާންސްޕޯޓުން މިިނިސްޓްރީން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ، ފުލުހުން، މާލޭސިޓީ ކައުންސިލް، އެޗްޑީސީ، ކަސްޓަމްސް، އެމްޓީސީސީ، ބިމާއި އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީ، ވެމްކޯ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ މި ޕްރޮގްރާމުގެ މަގުސަދަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ހުރި ހުރަސްތަކުން އަރައިގަތުމެވެ. އަދި ގްރޭޓާ މާލޭ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތަކުން މީހުންގެ ފުރާނަ ގެއްލޭ މިންވަރު މަދުކުރުމަށާއި ނުރައްކަލަށް ހުށަހެޅޭ ފަރާތްތައް މަދުކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދިނުމެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ގުޅުން ހުރި އިދާރާތައް ހިމެނޭ ގޮތުން އާބަން ޓްރެފިކް ޑިކޮންޖެސްޝަން މެނޭކްމަންޓް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން ދެ މަރުހަލާއަކަށް ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ. ފުރަތަމަ މަރުހަލާގެ ދަށުން އުޅަނދުގެ ގޮތުގައި ނުބެލެވޭ އުޅަނދުތަކާއި އުޅަނދުގެ ބައިތައް ނަގައި ނައްތާލާނެއެވެ. މި މަރުހަލާ ކުރިއަށް ގެންދަނީ އެކަމާއި ގުޅޭ ސާވޭއެއް ކުރުމަށް ފަހުއެވެ. މީގެ އިތުރުން އަމިއްލައަށް އުޅަނދު ނައްތާލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި މިފަދަ އުޅަނދުތައް 60 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ރެޖިސްޓްރީ ޤާނޫނާއި އެއްގޮތަށް ނައްތާލުމަށް ވަނީ ހަމަޖެހިފައެވެ.