Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ކޯޗެއް ހިތަށް އަރަނީ؟"

މުހައްމަދު ނިޔާޒް (ޓެޑްރީ) ގެ ދަވަނަ ފިލްމު "ލަސްވިޔަސް" އަންނަ މަހުގެ ތެރޭގައި ސްކްރީނުން ބަލައިލަން ލިބޭނެ އެވެ. މި ފިލްމު ޕްރީމިއާކުރާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ރެ އެވެ.

"ލަސްވިޔަސް" އަޅުވަން އަދި މަހަކަށް ވުރެ ގިނަ ދުވަސް އޮތް އިރު، ސޯޝަލް މީޑިއާގައި އަންނަނީ މިހާރު ވަރަށް ބޮޑަށް ފިލްމު ޕްރޮމޯޓްކުރަމުންނެވެ. އެގޮތުން މިއަދު އާންމުކުރި ޓީޒާއެއްގެ ހައިލައިޓަކީ "ކޯޗެއް ހިތަށް އަރަނީ؟" ތޯއޭ އަހާ މަންޒަރެކެވެ. މި މަމްޒަރުގައި ފެންނަނީ ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ އަހުމަދު އީސަ (އާނަންދު) އާއި ފޯރިގަދަ ޕާޓީއަކަށް ފަހު، މަޖީދީ މަގުން މަޑުމަޑުން ހިނގާލާފައިވާ ދާ ތަނެވެ.

ދެން އާނަންދު ބުނަނީ "ނިކަން ބަލާލަލަ އަހަރެންގެ ދެ ލޮލުން އަދިވެސް ދިލަނަގާ އެބަ" އޭ އެވެ. އޭގެ ރައްދުގައި ފާޑެއްގެ ގޮތަކަށް އީސަގެ މޫނަށް ބަލަމުން ވާޝިޔާ އަހަނީ މިހެންނެވެ؛ ކޯޗެއް މިހާރު މި ވަގުތު ހިތަށް އަރަނީ؟

ފިލްމުގެ މި މަންޒަރު ވާނީ ޔަގީނުން ވެސް "ލަސްވިޔަސް" ގެ ހަމަ ވަރަށް ހާއްސަ މަންޒަރަކަށެވެ. އޮތީ ފިލްމަށް އިންތިޒާރުކުރުމެވެ. މި ފިލްމަކީ 1994 ގެ "ދެރިޔާ" އަށް ފަހު، ޓެޑްރީ ގެނެސްދޭ ދެވަނަ ފިލްމަށްވާތީ މިއީ "ލަސްވިޔަސް" އެންމެ ހާއްސަވާ އެންމެ މުހިއްމު އެއް ސަބަބެވެ.

އެ ފިލްމު ފަދަ މަގުބޫލު ޝައުގުވެރި ފިލްމަކަށ އާ ފިލްމު ވާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެ އެވެ.

"ލަސްވިޔަސް" އިން ބޮޑު ކާސްޓެއް ވެސް ފެންނާނެ އެވެ. އަސަރު ގަދަ އާއިލީ ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ފިލްމުގެ ހާއްސަ އެކަކީ ކުރީގެ ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަނެވެ. "ލަސްވިޔަސް" ގައި އެ ކުއްޖާ ކުޅެފައި ވަނީ ކެންސަރު ޝިކާރައެއްގެ ރޯލެވެ.