Last Updated: April 30, 09:10
Tuesday, April 30, 2024
ޚަބަރު

ވީއައިއޭ އާ ޓާމިނަލް އޮޕަރޭޝަނަށް ގެންނަން މަޝްވަރާގައި

ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލް އޮޕަރޭޝަން ފެށުމާއި ގުޅޭ މަޝްވަރާތައް ކުރަނީ / ފޮޓޯ: އެމްއޭސީއެލް

ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލް އޮޕަރޭޝަނަށް ގެނައުުމާއި ގުޅޭގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ގުޅުން ހުރި މުޢައްސަސާތަކާއި އެކު މަޝްވަރާތައް ފަށައިފިއެވެ.

އައު ޓަރމިނަލްގެ އޮޕަރޭޝަންސްގެ ފެށުމުގެ ގޮތުން، މިއަދު ހުޅުލެ އައިލަންޑް ހޮޓަލުގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހިދުމަތް ފޯރިކޮށްދެމުން އަންނަ ފަރާތްތައް ވަނީ ބައްދަލުކުރައްވާފައެވެ.

މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ އައު ޓާމިނަަލަށް އޮޕަރޭޝަންސް ބަދަލުކުރުމަކީ ވަރަށް ފުރިހަމަކޮށް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި މިމަސައްކަތައް އެއާޕޯޓުގެ ހުރިހާ ސްޓޭކް ހޯލްޑަރުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އައު ޓަރމިނަލްގެ އޮޕަރޭޝަންސް ފެށުމުގެ ގޮތުން އެއަރޕޯޓުގައި ޚިދުމަތްދޭ ފަރާތްތައް ހިމެނޭ ޚާއްސަ ކޮމިޓީތައް އުފެދިގެންދާނެ. އަދި މި ކޮމިޓީތަކުގެ މަޝްވަރާތަކުން އެންމެ ރަނގަޅު ގޮތުގައި މިކަން ކުރެވޭނެ މަގުފަހިވެގެންދާނެ."

މިއަދުގެ މިބައްދަލުވުމުގައި ސިވިލް އޭވިއޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލީ ޖަލީލްގެ އިތުރުން އިމިގްރޭޝަންސްގެ އޮފިސަރުންނާއި، ކަސްޓަމްސް އޮފިސަރުންނާއި، އެއަރލައިންތައް އޮޕަރޭޓްކުރާ ފަރާތްތަކުގެ އިތުރުން އެއަރޕޯޓުގައި ޚިދުމަތް ދެމުންގެންދާ ރިޒޯޓްތަކުން ބައިވެރިވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލަކީ އެއަރޕޯޓް ތަރައްޤީ ކުރުމަށް މިހާރު ހިންގަމުންދާ މަޝްރޫޢުގެ މުހިއްމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން އައު ކޯޑް-އެފް ރަންވޭ އަކާއި، ނޫވިލު ސީޕްލޭން ޓަރމިނަލާއި، ވީ.އައި.ޕީ ބިލްޑިންގ އަކާއި، ކާގޯ ޓަރމިނަލަކާއި، ފިއުލް ފާމެއްގެ އިތުރުން ފަޔަރ ސްޓޭޝަނެއްވެސް ވަނީ ޤާއިމު ކުރެވިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން އިންތިހާބީ ރައީސްގެ ގޮތުގައި އެއާޕޯޓު ބައްލަވާލެއްވުމަށް ވަޑައިގެން ވަނީ މިއަހަރުގެ ޕީކް ސީޒަނަށް އައު ޓާމިނަލް އޮޕަރޭޝަނަށް ގެންނަވަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް މުހިންމު ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.