Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

ރަށު ޕިކަޕްގެ އަހަރީ ފީ ނުނަގަން ނިންމައިފި

ތ. އަތޮޅު ކައުންސިލުން އަތޮޅުގެ ކައުންސިލްތަކަށް ހަދިޔާ ކުރި ރަށު ޕިކަޕް ތަކެއް / ފޮޓޯ:ތ.އަތޮޅު ކައުންސިލް

ރަށު ޕިކަޕަށް އަހަރީ ފީ ގެ ގޮތުގައި ދައްކާ 1800ރ. އުވާލަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ރ. ދުވާފަރުގައި ރައްޔިތުންނާއި ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި މިކަން ހާމަކުރައްވާ ރައީސް ވިދާޅުވީ، މިކަމަކީ ވަރަށް ގިނަ ކައުންސިލްތަކުން އެދެމުން އަންނަ ކަމެއް ކަމަށެވެ. ރައީސް ވަނީ މިއީ ބެޓަރީ އޮޕަރޭޓް ކުރާ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެއް ކަމަށް ވިދާޅުވެފައެވެ.

"އެއީ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއްވާ އެންވައިރޮމެންޓް ފްރެންޑްލީ ވެހިކަލްތަކެއް. އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެން މުޖްތަމަޢު އަކީ ފެހިކަން ގަދަ އެންވައިރޮމެންޓް ފްރެންޑްލީ މުޖްތަމަޢުއަކަށް ހަދަން. އެހެންވީމަ މިއަންނަ މަހުން ފެށިގެން ރަށު ޕިކަޕުގެ މި ނަގާ ފީ އެއްކޮށް އުވާލާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ 1800ރ. އުވާލުމާއެކު ރައްޔިތުން އަތުން އެ ބައި ސަލާމަތްވެ، އިންޖީނުލީ އުޅަނދުތަކަށްވުރެ ބޮޑަށް ބެޓަރި އުޅަނދުތަކަށް ބަދަލުވުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

ރަށު ޕިކަޕް އަކީ ކުދި މުދާ އުފުލާ އުޅަނދުތަކެކެވެ. މި ޕިކަޕްތައް އާންމުކޮށް މިހާރު ރާއްޖޭގެ ގިނަ ރައްތަކުގައި އާންމު ފަރާތްތަކުން ބޭނުން ކުރެއެވެ.