Last Updated: May 2, 11:29
Thursday, May 2, 2024
ޚަބަރު

ރޯދަ މަހުގެ ފެނާއި ކަރަންޓް ބިލް ބޮޑުނުވާ ގޮތް ހަދައިފި

ރޯދަ މަހުގެ ފެނާއި ކަރަންޓް ބިލް ބޮޑުނުވާ ގޮތަށް ކެޕް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ބ. އޭދަފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އާއްމުކޮށް ރޯދަ މަހު ބައެއް ބިލުތައް ބޮޑުވާ މައްސަލައަށް ހައްލެއް ހޯދައިދޭން ސަރުކާރުން ގޮތްތަކެއް ނިންމަވާފައިވާ ކަމަށާއި އެގޮތުން އާއްމު މަސް މަހުގައި ގޭބިސީތަކުގެ ބިލަށް އަރާ މިންވަރެއް ވުރެ ބިލުތައް ބޮޑު ނުވާނެ ގޮތް ހަދަން ކުންފުނިތަކަށް އަންގާފައިވާ ކަމަށެވެ.

"އާންމު މަހެއްގަ އެ ހުންނަ ރޭޓްގަ ކެޕް ކޮށްފައި. އާންމު މަހެއްގަ ހުންނަ މިންވަރަށް ރަމަޟާން މަހު ކަރަންޓު ބިލާއި ފެން ބިލް ހުންނާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސްޓެލްކޯ އިން ފެނުގެ ހިދުމަތް ދެމުން އަންނަ ރަށްރަށުން ނަގަމުން އަންނަ 30ރ. ޗާޖް އުވާލުމަށް ވެސް އެ ކުންފުންޏަށް އަންގަވާފައިވާނެ ކަމަށެވެ.

މީގެއިތުރުން ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވާ ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ދިނުމުގެ އިންތިޒާމްތައް ވެސް އެސްޓީއޯ މެދުވެރިކޮށް ކުރަމުންދާ ކަމަށާއި ކޮންމެ ގެއަކަށް 10 ކިލޯގެ ދެ ބަސްތާ ހަވާލުކުރުމަށް ކައުންސިލްތަކާ އެ ސާމާނު ހަވާލު ކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިފަދަ ކޮންމެ ލުޔެއް ދިނުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރައްޔިތުންނަށް ބްރީތިން ސްޕޭސްއެއް، ހަމަޖެހިލައިގެން ނޭވައެއް ލެވޭނެ ގޮތަށް ހަދައިދެވޭތޯ މި މަސައްކަތް ކުރަނީ،" ރައީސް ވިދާޅުވި އެވެ.