އިސްލާމް ދީނަށް ގޮވާލުމަކީ ފަހުރެއް ކަމަށާއި އެކަމާ ގުޅިގެން އަގުވައްޓާލަން އުޅުނަސް މައްސަލައެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބ. އޭދަފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ނަމާދު ކުރަން ބާރުއަޅައި ފަތިސް ނަމާދު ޖަމާއަތުގައި ކުރަން ބާރު އެޅުމުން އެކަމަށް މަލާމާތް ކުރި ބަޔަކު ވެސް ތިބި ކަމަށާއި އެއީ ސަރުކާރާ އިދިކޮޅު ބައެއް މީހުންގެ ވިސްނުން ހުރި ގޮތް ކަމަށެވެ. އިސްލާމްދީނަށް ނަސްރު ދޭން ގޮވާލުމަކީ ފަހުރެއް އަދި ވާޖިބެއް ކަމަށްވާއިރު ދީނުގެ ފުރިހަމަކަން ވީ މިންވަރަކުން އެހެން މީހުންނަށް ބުނެދިނުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު އެކަން ކުރާ ނިންމާ މި ހުރިހާ ކަމެއް މިކުރަނީ. ކުރަން ފެށީމާ އަޅުގަނޑުމެންނާ އިދިކޮޅު މީހުން އެކި ގޮތްގޮތުން އަޅުގަނޑު ޑިސްކްރެޑިޓް ކުރަން މަސައްކަތް އެބަކުރޭ. އިސްލާމީ ހައްދުފަހަނައެޅި މީހެކޭ ވެސް އެބަކިޔާ، ބޭރުގެ ބައެއް ނޫސްތަކުގައި ފެންނާނެ. އަޅުގަނޑަށް މައްސަލައެއް ނެތް އެހެން ކިޔަސް،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ އަކީ ފަހުރުވެރި އިސްލާމީ ގައުމެއް ކަމަށާއި މި ގައުމުން ދެކެން ބޭނުން ވަނީ އިސްލާމީ ރިވެތި ސިފަތަކާއި އާދަކާދަތައް އާންމުވެފައިވާ މުޖުތަމައެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކުރިއަށް އޮތް ރޯދަ މަހަކީ އެކަމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި ހުރިހާ ރައްޔިތުން ވެސް ދަރިން ގޮވައިގެން ބަރާބަރަށް ނަމާދު ކުރުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ. އަދި މިހާރުން ފެށިގެން ވެސް ފަތިސް ނަމާދުގެ ޖަމާއަތް ދޫކޮށްނުލުމަށާއި މި ގައުމަށް ސަލާމަތެއް އޮތީ މާތްﷲ އެންގި ގޮތަށް ކަންކަންކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަތޭކަ ޕަސެންޓް އިސްލާމީ ގައުމެއް. މިކަމާ އަޅުގަނޑުމެން ލަދުގަންނާނެ ކަމެއް ނެތް. ފަހުރުވެރިވާންވީ. ފަހުރުވެރިވެގެން އަޅުގަނޑުމެންގެ ދީން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަންވީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އިސްލާމްދީނަށް ނަސްރުދީ، މިނިވަންކަން ޔަގީންކޮށްދިނުމަށް ވުރެ ބޮޑު ކަމެއް އެމަނިކުފާނަށް ނެތް ކަމަށްވެސް ވިދާޅުވެފަ އެވެ.