ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 14 ވައިބާވް ގުޕްތާ ކާމިޔާބުކޮށްފި އެެވެ.
ރޭ ގެނެސްދިން ފޯރިގަދަ އަދި އެހާމެ ކުލަގަދަ ފިނާލޭ އެޕިސޯޑްގައި އޭނަ މުބާރާތުގެ ޓްރޮފީ އުފުލައިލި އިރު، އިނާމުގެ ގޮތުގައި 25 ލައްކަ ރުޕީސް އާއި އަގުބޮޑު ކާރެއް ވެސް ލިބުނެވެ. ވައިވާބް ފާހަގަކުރެވުނީ ތަފާތު އެކި ސްޓައިލްގެ ލަވަތައް ވަރަށް ފަސޭހަކަމާ އެކު ކިޔައިލާ، އަޑު އަހާލަން ވަރަށް ހިތްގައިމު އަޑެއްގެ ގޮތުގަ އެވެ. އޭނަގެ ހުނަރަށް "އިންޑިއަން އައިޑޮލް 14" ގެ ތިން ޖަޖުންގެ ވަރަށް ބޮޑު ތައުރީފެއް ވެސް ލިބިފައިވެ އެވެ.
މި ސީޒަންގެ ދެވަނަ ލިބުނީ ޝުބަދީޕް ދާސް ޗައުދަރީއަށެވެ. ތިން ވަނަ އަކީ ޕިޔޫޝް ޕަންވަރު އެވެ. މިއިން ކޮންމެ މީހަކަށް އިނާމެއްގެ ގޮތުގައި ތިން ލައްކަ ރުޕީސް ލިބުނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ ޕްރީމިއާކުރި "އިންޑިއަން އައިޑޮލް 14" ގެ ޖަޖުންނަކީ ކުމާރު ސާނޫ އާއި ޝްރެޔާ ގޯޝާލްގެ އިތުރުން ވިޝާލް ދަދްލާނީ އެވެ. ޝޯ މި ފަހަރު ހޯސްޓްކުރީ ޓީވީ އެކްޓަރު ހުސައިން ކުވެޖަރުވާލާ އެވެ.