Last Updated: April 29, 11:54
Monday, April 29, 2024
ދުނިޔެ

ބްރެޒިލްގެ އެމްއެމްއޭ ލެޖެންޑް އިސްލާމްވެއްޖެ

ބްރިޒިލްގެ ކުރީގެ މިކްސްޑް މާޝަލް އާޓްސް އެމްއެމްއޭ) ތަރި ރޯއިސް ގްރޭސީ އިސްލާމްވެއްޖެ އެވެ.

މިހާރު އުމުރުން 57 އަހަރުގެ ގްރޭސީ އަކީ އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް) ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ މީހެކެވެ. އޭނަ އިސްލާމްވެފައި ވަނީ ފަލަސްތީނުގެ މުސްލިމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމަށް ތާއީދުކޮށް، ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓަކާ ގުޅިގެން ދާދި ފަހުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

އިސްލާމް ދީނުގެ ހިދާޔަތް ލިބުމާ ގުޅޭ ގޮތުން ގްރޭސީ ބުނީ އޭނަ މިހާރު ހުރީ ހައްގުގެ މަގުގައި ސާބިތުވެ ކަމަށާއި އިސްލާމް ދީނުގެ އަލިކަމުގެ ތެރެއަށް ވަދެވުނީ ސުލްހަ އާއި މަޝްވަރާގެ ތެރެއިން ކަމަށެވެ. އެގޮތުން އިސްލާމް ދީނު ފެތުރުމަށް މަސައްކަތްކުރާ ޔޫޓިއުބާ އެޑީ ރެޑްޒޮވިކާއި ޝެއިހް އުސްމާނިން ބިން ފާރޫގާ އެކީ "ދީން ޝޯ" ގައި ބައިވެރިިވެ، އިސްލާމް ދީނަށް ވަނުމާ ބެހޭ ގޮތުން ވާހަކަ ވެސް ދައްކާފައިވެ އެވެ.

އެ ޝޯގައި ގްރޭސީ ބުނީ މިހާރު އިސްލާމް ދީން އިތުރަށް އުނގެނި ދަސްކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު އެންމެ ބޮޑު އެއް އުންމީދަކީ މި އަހަރުގެ މައްކާ އަށް ޒިޔާރަތްކޮށް ހައްޖުގެ އަޅުކަން އަދާކުރުން ކަމަށް ކަމަށެވެ.

ގްރޭސީ ބުނީ އިސްލާމް ދީން ގަބޫލުކުރި ހިސާބުން އޭނަގެ މުޅި ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށާއި އެހެންވެ ކުރިން ގެންގުޅުނު އާންމު ވަރަށް ގިނަ އާދަތަކާ ވެސް އެއްކޮށް ދުރުވެފައިވާ ކަމަށެވެ.

އެމްއެމްއޭގެ ތެރެއިން ގްރޭސީ އެންމެ ހާއްސައީ ޖިއު-ޖިޓްސީއަށެވެ.