Last Updated: April 29, 06:03
Monday, April 29, 2024
ދުނިޔެ

ޝެހެބާޒް އަލުން ޕާކިސްތާންގެ ބޮޑުވަޒީރަކަށް

މިދިޔަ މަހު ބޭއްވި އާންމު އިންތިހާބާ އެކީ ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފަށް އަނެއްކާ ވެސް އެ މަގާމު ފުރުއްވުމުގެ ފުރުސަތު ލިބިވަޑައިގެންފި އެވެ.

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފުގެ ކޮއްކޯފުޅު ކުރިން ބޮޑުވަޒީރުކަން ކުރެއްވީ އެޕްރީލް 2022 އިން އޮގަސްޓް 2023 އަށެވެ. ބޮޑުވަޒީރު ކަމަށް ޝެހެބާޒްގެ 2022 ގައި އައްޔަންކުރެއްވީ އޭރު ބޮޑުވަޒީރަކަށް ހުންނެވި އިމްރާން ޚާންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމާ ގުޅިގެންނެވެ.

ޝެހެބާޒަށް އަލުން މިއަދު ޕާކިސްތާންގެ ބޮޑުވަޒީރުކަމުގެ ހުވާކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވީ މިދިޔަ މަހުގެ 8 ގައި ބޭއްވި އާންމު އިންތިހާބުގައި އޭނަ ނިސްބަތްވާ ޕާކިސްތާން މުސްލިމު ލީގް-ނަވާޒް (ޕީއެމްއެލްއެން) އާއި އަވަހާރަކޮށްލާފައިވާ ކުރީގެ ބޮޑުވަޒީރު ބޭނަރު ބުއްޓޫގެ ފިރިކަލުން އަލީ އާސިފު ޒަރުދާރީގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިން ކޯލިޝަން ސަރުކާރެއް އެކުލަވައިލަން ނިންމި ކުރި މަޝްވަރާތަކާ ގުޅިގެންނެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތު ރިޔާސީގަނޑުވަރުގައި އޮންނާނީ މެންދުރު އެވެ.

އާންމު އިންތިހާބުގައި ގާނޫނު ހަދާ މަޖިލީހުގެ 336 ގޮނޑީގެ ތެރެއިން ނަވާޒްގެ ޕާޓީން 73 ގޮނޑި ކާމިޔާބުކުރި އިރު، ޒަރުދާރީގެ ޕާޓީން 54 ގޮނޑި ކާމިޔާބުކުރި އެވެ. އެކަމަކު އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ޖަލުގައި އޮންނެވި އިމްރާންގެ ޕާކިސްތާން ތަހުރީކޭ އިންސާފު (ޕީޓީއައި) އަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ. އެއީ 102 ގޮނޑި އެވެ. އެ ގޮނޑިތައް ކާމިޔާބުކުރީ ޕާޓީގެ މެންބަރުންތަކެއް އަމިއްލަ ގޮތުން ވާދަކުރައްވަ އެވެ.

ސަބަބަކީ ޕާޓީ އަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނެތުމުންނެވެ. އިމްރާން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތެއް ވެސް ނެތެވެ.

އެހެންވެ ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ލިބުނީ އިމްރާންގެ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ ގޮނޑިތައް ކާމިޔާބުކުރި ދެ ޕާޓީއަށެވެ. އެއީ ޕީއެމްއެލްއެން އާއި ޕީޕީޕީ އެވެ.