ބޮލީވުޑްގެ ބަތަލާ ކާޖޮލް އަކީ ވަރަށް މޮޅު ބަތަލާއެއްކަމާ ދޭތެރޭ އެއްވެސް ބަޔަކު ޝައްކެއް ނުކުރާނެ އެވެ. ކިތަންމެ ފިލްމެއްގައި އޭނަގެ މޮޅު އެކްޓިން ދައްކާފައިވެ އެވެ. އެކަމަކު މި ފަހަރު މި ބަތަލާގެ އެހެން ހުނަރެއްގެ ވާހަކަ ދައްކަން މިއޮތީ ޖެހިފަ އެވެ.
މި ދުވަސްކޮޅު ދޭތެރެ ދޭތެރެ އިން ސޯޝަލް މީޑިއާގައި ކާޖޮލް ޕޯސްޓްކުރާ ވީޑިއޯތަކުން އެއްކަމެއް އެބަ ފާހަގަކުރެވެ އެވެ. އެއީ އޭނަ ވިޔަން ވަރަށް މޮޅުކަމެވެ.
މިއަދު ވެސް އެ މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ޕޯސްޓްކޮށްފައިވާ އިރު، މީގެ ދެ ހަފުތާއެއްހާ ކުރިން ވެސް ވަރަށް ޝައުގުވެރިކަމާއި ފަރިތަކަމަކާ އެކީ އެއްޗެއް ވިޔާ މަންޒަރު ފެންނަ ވީޑިއޯއެއް ކާޖޮލް އާންމުކޮށްފައިވެ އެވެ.
މި ޕޯސްޓްތަކަށް ގިނަ ބަޔަކު ކޮމެންޓްކޮށް، ވިޔުމުގެ މަސައްކަތަށް ކާޖޮލް "ވަރަށް ޕްރޮފެޝަނަލް" ކަމަށް ވެސް ބުނެފައިވެ އެވެ.
އެކްޓަރު އަޖޭ ދޭވްގަން އަންހެނުން އަދި ދެ ކުދިންގެ މަންމަ ކާޖޮލްގެ ކުރިއަށް އޮތް ފިލްމަކީ ނެޓްފްލިކްސް އިން ޕްރީމިއާކުރަން ތައްޔާރުވަމުން އަންނަ މިސްޓްރީ ތުރިލާ "ދޯ ޕައްތީ" އެވެ. ކާސްޓްގައި ކްރިތީ ސެނަން ވެސް ހިމެނޭ މި ފިލްމުގައި ކާޖޮލް ކުޅެފައި ވަނީ މުޅިން އަލަށް ފުލުހެއްގެ ރޯލެވެ.