Last Updated: April 30, 12:06
Tuesday, April 30, 2024
ޚަބަރު

ކާބޯތަކެތީގެ ހިދުމަތްދޭ 993 ތަނެއް ބަލައިފާސްކޮށްފި

ކާބޯތަކެތީގެ ޚިދުމަތްދޭ 933 ތަނެއް އެޗްޕީއޭ އިން ބަލައި ފާސްކޮށްފި އެވެ.

ފެބުރުވަރީ 19ން ފެށިގެން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ އިންސްޕެކްޝަނާ ގުޅޭގޮތުން އެޗްޕީއޭ އިން ބުނީ މި އިންސްޕެކްޝަންގެ މައިގަނޑު މަގުސަދަކީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ސާފުތާހިރުކަމުގެ މިންގަޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ބާރުއަޅައި، މި މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތް ދިނުމަށް ބާރުވެރިކޮށް، އަހުލުވެރި ކުރުވުން ކަމަށެވެ.

އެޗްޕީއޭން އިންތިޒާމްކޮށްގެން މިއިންސްޕެކްޝަން ކުރިއަށް ގެންދިޔައީ މާލެ ސިޓީ ކައުންސިލާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބައިވެރިވުމާ އެކުގަ އެވެ.

މި އިންސްޕެކްޝަންތަކުގެ ތެރޭގައި ޗެކްކުރެވުނު ތަންތަނަށް ބަލާއިރު އެންމެ ގިނައިން ޗެކްކޮށްފައިވަނީ ކެފޭތަކެވެ. އޭގެ އިތުރުން ރެސްޓޯރެންޓް، ޓޭކްއަވޭ އަދި ހޮޓާތައް ވަނީ ޗެކްކޮށްފައެވެ. އެންމެ ގިނައިން ޗެކްކޮށްފައިވަނީ މާލޭގައި ހިމެނޭ ތަންތަނެވެ. އެގޮތުން މާލޭގެ 597 ތަނެއް ބަލައިފާސްކޮށްފައި ވާއިރު، ހުޅުމާލޭން 308 ތަނެއް، ވިލިމާލޭން 19 ތަނެއް އަދި ހުޅުލޭ އެއާޕޯޓުން 43 ތަނެއް ވަނީ ބަލައިފާސްކޮށްފަ އެވެ.

އެޗްޕީއޭން ބުނީ އިންސްޕެކްޝަންގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލައި، އެކަންތައްތައް އިސްލާހުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން މަސައްކަތްތައް ކުރެވޭނެ ކަމަށެވެ. އަދި ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަޑުތައް ބަޔާންކުރާ ގަވާއިދުގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެ އެވެ.