Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ކިއާރާ އަށް އެންމެ ބޮޑު އަގު "ޑޮން 3" އިން

މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ ފިލްމު "ޑޮން 3" އަށް ބަތަލާ ކިއާރާ އަދުވާނީ ސޮއިކުރީ ރެކޯޑް އަގަކަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމަކީ ކުރިއަރަމުން އަންނަ ބަތަލާ އަށް ފިލްމަކުން ލިބުނު އެންމެ ބޮޑު އަގު ކަމަށެވެ. އެގޮތުން ފަރުހާން އަޚްތަރު ޑައިރެކްޓްކުރާ "ޑޮން 3" އަށް ކިއާރާ ސޮއިކުރީ 13 ކްރޯޑް ރުޕީސް 1.6 މިލިއަން ޑޮލަރު) އަށް ކަމަށް މީޑިއާތަކުން ބުންޏެވެ.

އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުން މިހާތަނަށް އެވްރެޖްކޮށް ފިލްމަކަށް ޗާޖްކުރަމުން އައީ 2-3 ކްރޯޑް ރުޕީސް އެވެ.

"ކަބީރު ސިންގް" އާއި "ޝޭރުޝާ" އާއި "ޖުގު ޖުގު ޖިއޯ" އާއި "ބޫލް ބުލައްޔާ 2" އަދި "ސަތިއަޕްރޭމް ކީ ކާތާ" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ކިއާރާގެ "ޑޮން 3" އަކީ ފުރަތަމަ ފަހަރަށް ރަންވީރު ސިންގްއާ އެކީ މަސައްކަތްކުރާ ފިލްމެވެ. މި ފިލްމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ދެ ތަރިން މި މަހުގެ ތެރޭގައި އެކްޝަން ޓްރެއިިނިންތަކެއް ފަށަން ހަމަޖެހިފައިވެ އެވެ.

ކިއާރާ، 32، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރާމް ޗަރަންގެ "ގޭމް ޗޭންޖާ" އާއި ރިތިކް ރޯޝަންގެ "ވޯ 2" އާއި ފިރިމީހާ ސިދާތާ އެކީ ކުޅެން ހަމަޖެހިފައިވާ "އާދަލް ބާދަލް" ހިމެނެ އެވެ.