އޮލިމްޕަހުގައި ޝޯތަކެއް ދެއްކުމަށް ފަހު ތުރުކަސް ފިލްމްސްގެ ކުރު ފިލްމު "ހަދީޖާ" އަންނަ ހުކުރު ދުވަހުގެ ރޭ ކ. ކާށިދޫގައި އަޅުވަން ނިންމައިފި އެވެ.
އެ ރަށުގައި ފިލްމު ޕްރީމިއާކުރަނީ މި މަހުގެ 8 ގައި ފާހަގަކުރާ އަންހެނުންގެ ދުވަހާ ގުޅުވައިގެންނެވެ. އެކްޓަރު އަހުމަދު އާސިމް ލިޔެ، ޑައިރެކްޓްކޮށްފައިވާ "ހަދީޖާ" އަކީ ތަފާތު އެކި ކަހަލަ ފުރައްސާރަތަކާ ކުރިމަތިވާ އަންހެނެއްގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ.
މި ފިލްމުގެ ކާށިދޫ ޝޯގެ ޓިކެޓް މާދަމާ އިން ފެށިގެން ވިއްކަން ފަށާނެ އެވެ.
މި މަހުގެ 1-3 އަށް އޮލިމްޕަހުގައި ދެއްކި "ހަދީޖާ" ގެ 8 ޝޯ އަށް ފުދޭ ވަރެއްގެ ތަރުހީބެއް ލިބިފައިވެ އެވެ. މީގެ މައިގަނޑު ކާސްޓްގައި ނަތާޝާ ޖަލީލު، ރަވީ ފާރޫގް އަދި އަހުމަދު ނިމާލު ހިމެނެ އެވެ. "ހަދީޖާ" އަކީ ތުރުކަސް ފިލްމްސް އިން ގެނެސްދެމުން އަންނަ "ވިހާލި" ވެބް ސީރީޒްގެ ދެވަނަ ސީޒަންގެ ފުރަތަމަ ސެގްމަންޓެވެ.
ބައިސްކޯފާ ގުޅިގެން ގެނެސްދިން "ވިހާލި" ސީރީޒްގެ ފުރަތަމަ ސީޒަންގެ ސެގްމަންޓްތަކުގެ ތެރޭގައި "ރަށްމެދު"، "ބާބާ"، "ފިރިމަރު" އަދި "ލިފްޓް ގޮޅި" ހިމެނެ އެވެ.